ލޯނުތަކަށް 871 މިލިއަން ރުފިޔާ އަނބުރާ ދައްކައިފި

ޕީޕީއެމް/ޕީއެންސީ ގެ މަޖިލިސް އިންތިޚާބުގެ ތަރުޖަމާނު ހީނާ ވަލީދު: ވިދާޅުވީ ރައީސް މުޢިއްޒު ލޯނު ރިޕޭމެންޓަށް 871 މިލިއަން ރުފިޔާ ދައްކަވައިފައިވާ ކަމަށް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދައުލަތުން ލޯނުތަކަށް ފާއިތުވި ތިން މަސް ތެރޭ 871 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި ލޯން ރިޕޭމެންޓުގެ ގޮތުގައި ދައްކައިފައިވަނީ 318 މިލިއަން ރުފިޔާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައްކަން ޖެހިފައި އޮތް ލޯނު އިންތިހާއަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

"އެހެންނަމަވެސް އިބޫ [ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް]ގެ ސަރުކާރުން 2019ގެ ފުރަތަމަ ތިން މަހު ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށް ޚަރަދު ކުރައްވައިފައި މިވަނީ 494 މިލިއަން ރުފިޔާ," ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވަނީ މިދިޔަ ސަރުކާރުގައި ރަށްތަކުގައި ފެށި ގިނަ މަޝްރޫއުތަކަކީ އެއްވެސް ޕްލޭނެއް ނެތި ފެށި މަޝްރޫތަކެއް ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އޭގެ ތެރެއިން ގިނަ މަޝްރޫތައް މިހާރު އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް މުއިއްޒު މިހާރު ކުރައްވާ މަސައްކަތަކީ ހުއްޓިފައި ހުރި މަޝްރޫއުތަށް އަލުން ފެށުމުގެ މަސައްކަތް ކަމަށެވެ.

comment ކޮމެންޓް