ސިޓީ އާއި އާސެނަލްގެ ކުރިމަތިލުން އެއްވަރު

ސިޓީ އާއި އާސެނަލްގެ މެޗު އެއްވަރު ވުމުގެ ފައިދާ އެންމެ މޮޑަށް ކުރީ ވާދަވެރި ލިވަޕޫލް އަށް / ފޮޓޯ: ދި އެތުލެޓިކް

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަަކަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މިއާއެކުވެސް ސިޓީއަށް އާސެނަލްގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލެވޭގޮތެއްނުވިއެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު މިވަރުގެ ވަރުގަދަ މެޗަކަށް މިދެޓީމުން ކުރިމަތިލާން ޖެހުމުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އެދެޓީމުގެ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ބޮޑަށް ފެނިގެންދިޔައީ ސިޓީއިން ގިނައިރު ބޯޅަ ހިފެހެއްޓިއިރު އާސެނަލްއިން ބޮޑަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރި ތަނެވެ.

ސިޓީއަށް ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ފުރަތަމަ ހާފުގައި ނޭތަން އައިކާއެވެ. ސިޓީއަށް ލިބުނު ކޯނަރެއްގައި ބޯޅަ އޭނާ ގައިގައި ޖެހިފައި ގޯލާ ދިމާލަށް ދިޔަ ނަމަވެސް އަމާޒުވީ އާސެނަލްގެ ކީޕަރުގެ އަތަށެވެ.

މިއީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ސިޓީއިން އަމިއްލަ ދަނޑުގައި ކުޅެ ޕްރިމިއާ ލީގުގައި ލަނޑެއް ނުޖެހި ދިޔަ ފުރަތަމަ މެޗެވެ.

މިމެޗު އެއްވަރުވުމުގެ ފައިދާ އެންމެ ބޮޑަށް ލިބުނީ ލީގަށް މިދެޓީމާ އެންމެ ގާތުން ވާދަކުރަމުންދާ ލިވަޕޫލަށެވެ. މިމެޗު އެއްވަރު ވުމުން ލިވަޕޫލަށް މިހާރުވަނީ ތާވަލްގެ އެއްވަނަ ލިބިފައެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ނުވަ މެޗު އޮތް އިރު މިތިން ޓީމުގެ މެދުގައި އުޅެނީ ވަރަށް ކުޑަ ތަފާތެކެވެ.

މިމެޗުން ލިބުނު ޕޮއިންޓާއެކު އާސެނަލް މިހާރު އުޅެނީ 29 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ ލިވަޕޫލަށްވުރެ ދެ ޕޮއިންޓް ފަހަތުންނެވެ. އަދި ސިޓީ އުޅެނީ 64 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

ލީގުގައި މިތިން ޓީމަށްވެސް އަދި އުނދަގޫ ބައެއް މެޗުތައް ހުރުމާއެކު ކުރިއަށް އޮތް ތަނުގައި ވެސް ޕޮއިންޓް ތާވަލްގައި މިތިން ޓީމުގެ މަގާމްތަކަށް ބަދަލު އައުން ގާތެވެ. ނަމަވެސް މިވަގުތު ޕޮއިންޓް ތާވަލް އޮތް ގޮތުން ކުރިއަށް ހުރި ހުރިހާ މެޗެއް ލިވަޕޫލުން ކާމިޔާބު ކޮށްފިނަމަ އެޓީމަށް ލީގު ކާމިޔާބު ވާނެއެވެ.

comment ކޮމެންޓް