ޓެކްސީއެއް ކޮންޓްރޯލް ނުވެ، ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހިއްޖެ

ޓެކްސީއެއް ކޮންޓްރޯލް ނުވެ، ޓްރެފިކް ފުލުހެއްގެ ގައިގައި ޖެހުން -- ފޮޓޯ/ އެމްވީކްރައިސިސް

ޓެކްސީއެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ޓްރެފިކް ފުލުހެއް ގައިގައި ޖެހިއްޖެއެވެ.

ސޯޝަލް މިޑީއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ އެއާޕޯޓުން ބްރިޖް ހައިވޭއަށް އެރި ހުދު ކުލައިގެ ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެފިކް ފުލުހެއް ގައިގައި ޖެހޭ މަންޒަރެވެ. އެ ފުލުސް މީހާ ކާރު މައްޗަށް ވެއްޓުމަށް ފަހު، ބިންމައްޗަށް ވެއްޓޭ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

އެ ވަގުތު އެތަނުގައި ޓްރެފިކް ބަލަހައްޓަން އިތުރު ފުލުހެއް ވެސް ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުސް އޮފިސަރުގެ ޙާލު ރަނގަޅު ކަމަށެވެ.

އެ މައްސަލައާ ގުލިގެން ކާރު ދުއްވި މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ފުލުހުން މަސައްކަތުގައި އުޅެނިކޮށް މީގެ ކުރިން ވެސް އަނިޔާވެފައި އެބަހުއްޓެވެ. އާންމުކޮށް އެފަދަ ހާދިސާތައް ހިނގަނީ ބާރު ސްޕީޑުގައި ދުއްވާފައިދާ އުޅަނދުތައް ހުއްޓުވަން އުޅުމުން، ނުކިޔަމަންތެރިވާ މީހުންގެ ސަބަބުންނެވެ.

comment ކޮމެންޓް