ތިނަދޫއަށް ސިޓީގެ ދަރަޖަ ލިބުނީ އެމްޑީޕީގެ ސަބަބުން: އެމްޑީޕީ

ގދ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: ހައުސިން މިނިސްޓްރީ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުނީ އެމްޑީޕީގެ ސަބަބުން ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައަޅާފައިވަނިކޮށް އެކަން ހުއްޓުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

އަދި އެ ރަށަށް ލިބެންޖެހޭ ސިޓީއެއްގެ ދަރަޖަ ރައީސް ޑރ. މުޢިއްޒު އޮތީ ހިފަހައްޓާފައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެކަން އެހެން އޮއްވާ، ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް, ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅިގެން ދިޔައީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްގެން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫ އަކީ ސިޓީއެއް ކަމަށް ކުރީގެ ރައީސް ސާލިހު ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސް މުއިއްޒުގެ ސަރުކާރުން ހިފަހައްޓާފައިވަނީ ތިނަދޫ ސިޓީއަށް ލިބެން އޮތް ކުރިއެރުމަށް ހުރަސްއެޅުމަށް ކަމަށް އެ ޕާޓީން ތުހުމަތު ކުރެއެވެ.

އަދި މިއީ ލާމަރުކަޒީ ނިޒާމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ބީރައްޓެހިކަމުން ކަން ކުރި ގޮތް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ސިޓީއެއްގެ ދަރަޖަ ދެވިފައިވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުގައި އެކަނި ކަމަށެވެ.

އަދި އައްޑޫ އަކީ ވަކި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ފަހަރު ވެސް އެމްޑީޕީއާ ދެކޮޅު ސިޔާސީ ފިކުރުތައް ތިބީ ސިޓީއެއްގެ ދަރަޖަ އައްޑޫ ސިޓީއަށް ނުދޭން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އަދި ހަމަ އެގޮތަށް ރައީސް މުއިއްޒުގެ ސަރުކާރަކީ ވެސް ލާމަރުކަޒީ ސިޔާސަތާ ދެކޮޅު ސަރުކާރެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އަދި މި ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ކައުންސިލްތަކަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ގަނޑުބަޑުކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް