ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ނުކުރެވޭ ގަވާއިދެއް

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ނުކުރެވޭ ގޮތަށް، ދައުލަތުގެ މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރިކުރުމުގެ ގަވާއިދެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފިއެވެ.

މި ގަވާއިދަކީ މަސްލަހަތު ހިމެނޭ މުވައްޒަފުން އެއްކިބާކޮށް، މިނިވަންކަމާއި ހަމަހަމަކަމާ އެކު ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލައިފައިވާ ގަވާއިދެކެވެ.

މި އުސޫލުގައިވާގޮތުން މުވައްޒަފަކާ ގުޅުން ހުރި ފަރާތަކުން ވިޔަފާރީގެ މުއާމަލާތެއް ހިންގަން ވާނީ ކަނޑައެޅިފައިވާ ވަކި ހުއްދައެއް ނަގައިގެންނެވެ. މި ހުއްދަ ނަގަން ޖެހޭނީ ވިޔަފާރި މުއާމަލާތްތައް ފެށުމުގެ ކުރިން، ލިޔުމުންނެވެ.

ދައުލަތުގެ އޮފީހަކުން ވިޔަފާރީގެ މުއާމަލާތް ކޮށްގެން ނުވާނެ މުވައްޒަފުން:

  • ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު
  • އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފު
  • ޕްރޮކިއުމަންޓް ހުއްދަދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފެއް
  • ބިޑް ކޮމިޓީއާއި ޕްރޮކިއުމަންޓާ ބެހޭ އެހެނިހެން ކޮމިޓީތަކުގެ މެންބަރެއް
  • ބިިޑް ނުވަތަ ބީލަން އިވްލުއޭޓް ކުރާ ނުވަތަ ވަޒަން ކުރާ ފަރާތެއް ނުވަތަ ވަޒަން ކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމިޓީގެ މެންބަރެއް
  • މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކެޓްރީ ޖެނެރަލް

ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާފަދަ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ މި މުވައްޒަފުންނާ އެކު ވިޔަފާރިކުރުމުގެ ހުއްދަ ދޭނެ ކަމަށް މި އުސޫލުގައިވެއެވެ.

މުވައްޒަފަކާ ގުޅުންހުރި މީހުންގެ ތެރޭގައި ހިމެނޭ މީހުން

  • އާއިލީ ގުޅުން އޮންނަ ފަރާތެއް (ކައިވެނިކޮށްގެން އުޅޭ މީހާ، ދަރިން، އެއްބަނޑު އެއްބަފާ މީހުން، އެއްބަނޑު މީހުންނާއި އެއްބަފާ މީހުން، މައިންބަފައިން، ދޮންދަރިން، ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއް ބަފާ މީހުންނާއި އެއްބަނޑު އެއްބަފާ މީހުން އަދި މައިންބަފައިން)
  • ޕްރޮކިއުމަންޓަށް ކުރިމަތި ލާފައިވާ ފަރާތާ މުވައްޒަފަކާ ދެމެދު ވިޔަފާރީގެ ގުޅުން އޮތުން ނުވަތަ އެފަރާތަކީ މުވައްޒަފުގެ "ކްލޯޒް އެސޯސިއޭޓް"އަކަށް ވުން
  • ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކީ މުވައްޒަފަށް މުސާރައެއްދޭ މީހެއް ކަމުގައި ވުން

މުވައްޒަފަކާ ގުޅުންހުރި ފަރާތަކާ ދާއިމީ ގޮތުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަށް އެއްވެސް ހާލަތެއްގައި ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް މި އުސޫލުގައިވެއެވެ.

comment ކޮމެންޓް