ފަހު 10ގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދެނީ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: ފަހު 10ގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދޭން ރައީސް ވަނީ ނިންމަވައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަމަޖެއްސެވުމާ ގުޅިގެން އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އިނާޔަތް ދޭން ވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއިން މަސައްކަތަށް ނުކުންނަން ޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.

އެ އިނާޔާތް ދޭނެ ގޮތާއި ލިބޭނެ މުވައްޒަފުން:

1/ ދައުލަތުގެ ޕޭ ފްރޭވޯކްއަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުންގެންދާ އުސޫލުން އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދެމުން ދިޔުން. މިގޮތަށް އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް.

2/ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރާއިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދިނުން.

3/ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން އަމަލުކުރަން ޖެހޭ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް"ގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރުން.

4/ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10 ދުވަހުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް"ގައި ހިމެނޭ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު"އަށް އަމަލުކުރުން

މީގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، ދައުލަތުގެ އިދާރާތަކުގެ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާ ގޮތުގެ މަތިން އެ އިދާރާއިން މަސައްކަތަށް ނުކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގައި މަސައްކަތަށް ނުކުތުމުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު"ގައި ވާ ގޮތުގެ މަތިން ހާޒިރީ އިނާޔަތް ދިނުމަށް އެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ރައީސް ވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އާންމު ހާލަތުހައި ހަފުތާގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކަށް އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދިނުމަށް ވެސް ނިންމަވައިފައެވެ.

އެހެންވެ، ރޯދަމަހުގެ ފަހު 10ގައި ހިމެނޭ ދުވަސްތަކުގެ ތެރެއިން އާންމު ހާލަތުގައި ހަފުތާގެ ތެރޭގައި މަސައްކަތް ކުރާ ދުވަސްތަކަށް (ހުކުރާއި ހޮނިހިރު ނުހިމެނޭ ގޮތަށް) ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން އަމަލުކުރަން ޖެހޭ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް"ގައި ހިމެނޭ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު"ގައިވާ ހަމަތަކާ އެއްގޮތަށް ހާޒިރީ އިނާޔަތް ދޭނެ ކަމަށް ބަޔާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން އިނާޔަތްތައް ދޭނީ އޭޕްރިލް މަހުގެ މުސާރައާއެކުގައި ކަމަށެވެ.

comment ކޮމެންޓް