ފަހު 10ގައި ބީއެމްއެލްގެ ބްރާންޗުތަކުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލެއް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ރަމަޟާން މަހުގެ ފަހު ދިހައިގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ޚިދުމަތްދޭ ގަޑިތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަނދާންކޮށްދީފިއެވެ.

މިގޮތުންް ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ފަހު ދިހައިގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، ބީއެމްއެލް ޗެކް ޕުރޮސެސްކުރުން، ޕޭރޯލް އަދި ބަލްކް ޓުރާންސްފާސްގެ ޙިދުމަތަށް ހުށަހެޅުންތަކާއި ޖަމާކުރާ ޗެކުތައް ހެނދުނު 10:00 ގެ ކުރިން ބޭންކަށް ލިބިއްޖެނަމަ އެ ދުވަހަކު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި، ލޯކަލް ޓުރާންސްފާ އެންޑް ޕޭމަންޓްސް ހެދުމަށް ވެސް ހެނދުނު 10:00 ގެ ކުރިން ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް ހުށަހަޅައިފިނަމަ އެ ދުވަހު ޕްރޮސެސްކުރާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދިނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި، މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ކޮންމެ ގަޑިއެއްގައި ވެސް އިންޓަނެޓު ބޭންކިންއާއި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ.

comment ކޮމެންޓް