ހުޅުމާޅެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތަކެއް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެޗްޑީސީން މިއަދު ހިއްސާކުރި ވީޑިއޯއެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހި އިތުރަށް ތަރައްގީކުރުމަށް ސީއެމްއީސީއާ އެކު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެގޮތުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯކްގެ ޚިދުމަތް ފުރިހަމަކޮށް، ޖީޕޮން ނެޓްވޯކް އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ. ޖީޕޮން ނެޓްވޯކަކީ ފޯނާއި ނެޓްވޯކް ފަދަ ޚިދުމަތްތައް ގޭބީސީތަކަށް ގުޅައިދިނުމަށް ބޭނުންކުރާ ނެޓްވޯކްއެކެވެ.
އެ އެމްއޯޔޫގެ ދަށުން އެ ސަރަހައްދުގެ މަގުތައް ތަރައްގީކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އެގޮތުން، އެޗްޑީސީން ބުނީ މަގުތައް ތަރައްގީކުރާނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތަށް ކަމަށާއި ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުރިހަމަވާނެ ގޮތަށް ކަމަށެވެ.
ނަމަވެސް މަސައްކަތުގެ ޚަރަދު އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.
ސީއެމްއީސީއަކީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކާ މީގެ ކުރިން ވެސް ހަވާލުވެފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެގައި އަޅާފައިވާ ފްލެޓްތަކާއި ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓުތައް ހިމެނެއެވެ.