ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް މިނިސްޓަރު ލިޔުމެއް ދީފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު-- ފޮޓޯ: ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރާނެ ކަމުގެ ޔަގީން ކަން ދިނުމަށް ލިޔުމެއް ދީފިއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ނަމުގައި ލިޔުމެއް ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ބިން ލިބުނު ފަރާތްތަކަށް ފޯރުކޮށްދިން ލިޔުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެގޮތުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅުންނާއި ގިރާވަރުފަޅުންނެވެ.

އެކަމަކު، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 1347 ގޯއްޗެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަފޫޓުގެ 487 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

comment ކޮމެންޓް