މަނާކޮށްފައި އޮއްވާ، ވިލިމާލެ ދެ ކަނޑުއޮޅިން ދަތުރު ކުރާތީ އަނެއްކާވެސް ސަމާލުވަން އެދިއްޖެ

ބަނދުކޮށްފައިވާ ކަނޑުއޮޅި ސަރަހައްދު-- ފޮޓޯ: ދަތުރުފަތުރާ ބެހޭ މިނިސްޓްރީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅުގެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައި އޮއްވައި ދުއްވާތީ އަނެއްކާ ވެސް ސަމާލުވާން ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު އޮންނަ ކަނޑު އޮޅިން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމަކީ އެ މިނިސްޓްރީން މިހާރު ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ވަކިން ޚާއްސަކޮށް ރިސޯޓުތަކުގެ ސްޕީޑު ބޯޓުފަހަރު މި ދެ ކަނޑުއޮޅިން ދަތުރު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މާލެ ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިން މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އަދި މި ދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅައިފައި އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކަމުގެ ސަބަބުން މި ދެ ކަނޑުއޮޅި ބޭނުންކުރާ އާންމު އުޅަނދުތަކަށް ހާދިސާއެއް ކުރިމަތިވުމަކީ އެކަށިގެންވަ ކަމެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ އެ ދެ ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރިކަމަށް ނުވާތީ އެ ތަން ބަންދުކޮށްފައިވާކަން ވެސް އަނެއްކާ ވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

އެ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީއިން ވަނީ ދީފައެވެ.

ދާދިފަހުންވެސް ވިލިމާލެ ކައިރީގައި ދެ ލޯންޗު އެކްސިޑެންޓުވެ، 13 މީހަކަށް ވަނީ އަނިޔާވެފައެވެ.

comment ކޮމެންޓް