ސަރުކާރުން އުޅެނީ ދުބާއީ ވޯލްޑަށް ތިލަފުށީ ޕޯޓު ދޭން، މިއީ ބޮޑު ޖަރީމާއެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ހަގީގަތް އޮޅުވައިލަނީ ކަމަށް -- ސަން ފޮޓޯ

މި ސަރުކާރުން އުޅެނީ ދުބާއީ ޕޯޓްސް ވޯލްޑް (ދުބާއީ ވޯލްޑް)އަށް ތިލަފުށީ ޕޯޓު ދޭންކަމަށާއި އެއީ އިގުތިޞާދީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޕީއެންއެފްގެ ފަރާތުން މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު ނިސާން ވިދާޅުވީ، ތިލަފުށިން ބިން ވިއްކަން މިދިޔަ ބުދަ ދުވަހު ހުޅުވާލީ ދުބާއީ ވޯލްޑަށް ތިލަފުށީ ޕޯޓު ދޭންކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ އޯޑިއަންސްގައި އިންނެވި ޔާމީން ވިދާޅުވީ، ބޮޑެތި ބޯޓުތައް ރާއްޖެ ހުރަސްކޮށް ނޫނީ ދަތުރު ނުކުރާނެ ކަމަށެވެ. އަދި، އެ މަނިކުފާނުގެ ވެރިކަމުގައި އެމިރޭޓްސްއަށް ކުރެއްވި ދެ ރަސްމީ ދަތުރުފުޅުގައި ވެސް ދުބާއީ ވޯލްޑަށް ތިލަފުށީ ޕޯޓު ދިނުމަށް އެދުނުކަން ޔާމީން ފާހަގަކުރެއްވިއެވެ.

"އެ ޕޯޓު އެއޮތީ ނުދީފައި. ސަބަބަކީ އަޅުގަނޑުމެން ހިސާބު ހެދިއިރު މާލޭގައި ކޮންޓިނެންޓަލް ޓާމިނަލެއް ހެދުމަށް އޭރު ބޭނުންވާ ވަސީލަތުން 80 ވަރަކަށް ޑޮލަރުން އެކަން ކުރެވޭ. އެއީ ފަށައިގަތުން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގެ އަތުގައި އެ ޕޯޓު އޮންނަން ޖެހޭ ދެ ސަބަބެއް އެބަ އޮތް ކަމަށެވެ. އެގޮތުން، ދުބާއީ ވޯލްޑަށް 50 ނުވަތަ 100 އަހަރަށް ޕޯޓު ކުއްޔަށް ދޭއިރު، އޭގެން މާބޮޑު އެއްޗެއް ރާއްޖެއަށް ނުލިބޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

"އެކަމަކު މި ދެންނެވި ހުރިހާ ބޯޓުފަހަރެއް ތްރޫފުޓް މެދުވެރިކޮށް ދާކަމަށް ވަންޏާ މިއީ ރަން ވަޅެއް،" ރައިސް ޔާމީންގެ ޒާމަތުގައި އެކަން ނުކުރީ މިއީ ރާއްޖެއަށް ކުރެވޭވަރުގެ ކަމަކަށް ވުމުން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ޔާމީން ވިދާޅުވީ، ރާއްޖޭގައި ދުބާއީ ވޯލްޑުން ހަދާ ޕޯޓެއް ދުވަހަކު ވެސް އިންޓަނޭޝަނަލް ޕޯޓަކަަށް ނުވާނެ ކަމަށެވެ. އެއީ، ކޮޗިންގައި ދުބާއީ ވޯލްޑުން މިއަށްވުރެ ބޮޑު ޕޯޓެއް ގާއިމްކޮށްފައިވާތީ ކަމަށާއި، ރާއްޖޭގެ ޕޯޓު ވާނީ އެ ތަނުގެ ސެޓެލައިޓަކަަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ދުވަހަކު ވެސް ދުބާއިގައި ހަދާފައިވާ ފަދަ ފްރީ ޒޯނެއް ރާއްޖޭގައި ނުހަދާނެކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރަށް ވިދާޅުވީ، ރާއްޖެއިން އަމިއްލައަށް ޕޯޓެއް ގާއިމުކޮށްފިނަމަ ރާއްޖޭގެ ޕޯޓު ވާނީ ކޮޗިންގެ ޕޯޓާ ވާދަކުރާ ޕޯޓަކަށް ކަމަށެވެ.

މިއީ ދުބާއީ ވޯލްޑުން ރާއްޖޭގައި ޕޯޓު ގާއިމްކުރަން ބޭނުންވާ ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާއިރު، ވަރަށް ރަނގަޅަށް ވިސްނައި ގޮތް ނިންމުން އެދޭކަމަށް ޔާމީން ވަނީ އެދިލައްވާފައެވެ.

ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާފައިވަނީ، މިދިޔަ ބުދަ ދުވަހެވެ. މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ ދެ ޕްލޮޓަށް އެދި ބިޑު ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ.

ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެ ރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

comment ކޮމެންޓް