ހިތުގެ ބަލީގެ ކުއްޖެއްގެ ބޭހަށް ސަރުކާރުން އަގު ނުދޭކަމަށް ބުނުމުން ޝާހިދުގެ ކަންބޮޑުވުން

ޝާހިދު ދ. ކުޑަހުވަދޫ ދެމަފިރިންނާއެކު ވީޑިއޯއެއްގައި -- ފޮޓޯ/ އެކްސް

ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސް، އާސަންދަ މެދުވެރިކޮށް މެދުނުކެނޑި ލިބުމަކީ ކޮންމެ ދިވެއްސެއްގެ ހައްގެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވަނީ ސޯޝަލް މީޑިއާގައި ދ. ކުޑަހުވަދޫ ދެމަފިރިންނާއެކު ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ޝާހިދު ވިދާޅުވީ އެ ދެމަފިރިންގެ ދަރިފުޅަކީ ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ ކުއްޖެއް ކަމަށެވެ.

ކުރީ ސަރުކާރުން އާސަންދަ މެދުވެރިކޮށް އެ ދަމަފިރިންގެ ދަރިފުޅަށް ބޭނުންވާ ބޭސް ފޯރުކޮށްދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެ ކުއްޖާއަށް ބޭނުންވާ ބޭސް ހޯދައިދިނުމުގައި ލަސްތަކެއްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

https://twitter.com/abdulla_shahid/status/1772528295667453963

އެ ވާހަކަ ޝާހިދާ ހިއްސާކުރަމުން ކުއްޖާގެ ބައްޕަ އަބްދުލް ވާޙިދު ބުނީ މިދިޔަ އަހަރު ގެނައި ބޭހުގެ ބިލަށް ވެސް ފައިސާ ނުލިބޭ ކަމަށެވެ. އަދި ބިލް ބަލައި ވެސް ނުގަންނަ ކަމަށް ވާޙިދު ބުންޏެވެ.

ވާޙިދު ބުނީ އެ ބޭހަކީ ވަރަށް އަގުބޮޑު ބޭހެއްކަމަށެވެ. ތިންމަހަށް 4،000 ރުފިޔާ ހަމައެކަނި ބޭހަށް ޚަރަދުވާކަމަށް ވާޙިދު ބުންޏެވެ.

އެއާއެކު ޝާހިދު ވިދާޅުވީ "އެޕްޑީޕީ އިން އިސްނަގައިގެން އާސަންދަ ތަޢާރަފުކުރީ މިގޮތް ބޭނުން ނުވާތީ،" ކަމަށެވެ.

"ދައްކާ ޓެކްސް ފައިސާ އެއީ ދިވެހި ރައްޔިތެެއްގެ ހައްގުކަމުގައިވާތީ، އައިޑީ ކާޑަށް ބޭސް ފަރުވާ ކުރެވޭނެ ގޮތް ހޯދުމަށް ޓަކައި،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އަބްދުލް ވާޙިދުގެ އެ ދެމަފިރިންގެ ދަރިފުޅަށް ބޭނުންވާ ބޭސް އެއީ ސަރުކާރުން ބޭނުންވީމާ ދޫކުރަން އޮންނަ އެއްޗެއް ނޫންކަމަށާއި އެއީ އެ ކުއްޖާގެ ހައްގެއް ކަމަށެވެ.

މިހާރު ކުރިއަށްދާ މަޖިލިސް ކެމްޕޭނުގެ ތެރެއިން ޝާހިދު ގެންދަވަނީ އެކި ރަށްތަކަށް ވަޑައިގެން ރަށްތަކުގެ ކެމްޕޭން ހަރަކާތް ހިންގަވަމުންނެވެ.

ޑޯޓުޑޯ ހަރަކާތްތައް ވެސް ކުރިއަށް ގެންދަވާއިރު އޭނާ ގެންދަވަނީ ދޭތެރެއަކުން މިފަދަ ވީޑީއޯ މެސެޖުތައް ވެސް ހިއްސާކުރައްވަމުންނެެވެ.

comment ކޮމެންޓް