ނަޝީދަށް ދިން ހަމަލާގެ އިތުރު މައުލޫމާތު ހިއްސާކުރަން އެދިއްޖެ

އިމްތިޔާޒް ފަހުމީ ---- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ހޯދައިދިނުމަށް މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ހާޒިރުވެ ދެއްކެވި ވާހަކައިގައި ވަނީ، ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހާ ހިއްސާ ކުރަން ޖެހޭ އިތުރު މައުލޫމާތު ހުރި ކަމަށާއި މެންބަރުން އެދިއްޖެ ނަމަ އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއަށް ފޮނުއްވި ސިޓީއެއްގައި އިމްތިޔާޒު ވަނީ އެ މައްސަލަގައި ހޯދަން ޖެހޭ މައުލޫމާތު މަޖިލީހުން ހޯދައި ދިނުމަށާއި އެމައުލޫމާތުގެ އަލީގައި ކަމާ ބެހޭ ކޮމިޓީން އެ މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.

މިއަދު ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"މި މައްސަލައިގެ ފުންމިނަށް ދަތުރުކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ މި ސަރުކާރުގެ ފަރާތުން ވެސް އަޅުގަނޑުމެން އެދެނީ މި މައްސަލަގެ ފުންމިނަށް ތަހުގީގު ހިންގަވައިދެއްވުމަށް އަދި ޑިފެންސް މިނިސްޓަރު ޣައްސާން އެ ވިދާޅުވި މައުލޫމާތު މަޖިލީހަށް ހިއްސާކޮށްދެއްވައި މި މައްސަލަގައި ދެން މިކަމުގައި ރައްޔިތުންގެ މަޖިލީހަށް އެޅެން ހުރި ފިޔަވަޅުތަކާމެދު ގޮތްތައް ނިންމަވައިދެއްވުމަށް،" އިމްތިޔާޒް ވިދާޅުވިއެވެ.

ނަޝީދަށް 2021 ވަނަ އަހަރުގެ ރޯދަ މަހު ބޮމުގެ ހަމަލާއެއް ދީފައިވަނީ ދުރާލާ ރާވައިގެންނެވެ.

ނަޝީދަށް ހަމަލާ ދިން ސަރަހައްދު --- ސަން ފޮޓޯ/ މުޒައްޔިން

ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ކުއްލި ފަރުވާ ހޯއްދެއްވުމަށް ފަހު ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެން އެ ގައުމުން ވެސް ފަރުވާ ހޯއްދެވިއެވެ.

ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށް އެކަންޏެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

https://sun.mv/190212

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރި އިސްހާގަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއެވެ.

ފަހުމީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މުޖާޒް، ތަހުމީން، ހައިޝަމް އަދި އަދުހަމްގެ މައްޗަށް 13 ދައުވާއެއް އުފުލާފައިވެއެވެ.

comment ކޮމެންޓް