މިނެސޯޓާ ޓިމްބާވުލްވްސްއިން ގޯލްޑަން ސްޓޭޓް ވޮރިއާސް ބަލިކޮށްފި

ވުލްވްސްއިން އަންނަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން / ފޮޓޯ: ކެނިސް ހޫޕަސް

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރި މެޗު ޓިމްބާވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ.

މިނެއަޕޮލިސްގެ ޓާގެޓް ސެންޓާގައި ކުޅުނު މިމެޗު ވުލްވްސްއިން ކާމިޔާބު ކޮށްފައިވަނީ 114 ޕޮއިންޓް 110 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ. އަދި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ސްޓެފަން ކަރީއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑާ ބައްދަލުކުރި މެޗު 118 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ބަކްސްއެވެ. މިމެޗުގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 30 ޕޮއިންޓް ހޯދއިދީ 19 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދީފައެވެ. އަދި ތަންޑާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ޖޯޝް ގިޑޭއެވެ.

މީގެއިތުރުން ލޮސް އެންޖަލިސް ލޭކާސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު 150 ޕޮއިންޓް 145 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކާސްއެވެ. މިމެޗުގައި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން އެންތަނީ ޑޭވިސްއެވެ. އަދި ޕޭސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 12 ރިބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޕަސްކަލް ސިއަކަމްއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ނިއުއޯލިއަން ޕެލިކަންސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 101 ޕޮއިންޓުން ޕެލިކަންސް ކާމިޔާބު ކޮށްފައިވާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލު ކުރި މެޗު 121 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސެވަންޓީ ސިކްސާސްއެވެ. އަދި މައޭމީ ހީޓް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 84 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހީޓްއެވެ.

comment ކޮމެންޓް