މާރާމާރީތައް ހުއްޓުވަން ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: މާރާމާރީތައް ހުއްޓުވަން ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މާރާމާރީތައް ހުއްޓުވަން ފުލުހުން އަންނަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޝާރާތްކުރެއްވީ، މާލޭގައި ހުރި ކާބޯތަކެތި ތައްޔާރުކޮށްދޭ ޓޭކްއަވޭ އައުޓްލެޓެއް ކައިރީގައި ބަޔަކު ހިންގި މާރާމާރީއަށެވެ.

ރޯޝަނީ މަގުގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ރަށު ތެރޭގެ އަމާންކަން ގެއްލޭ ފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބުނީ، ޓޭކްއަވޭ އައުޓްލެޓަކަށް މީހަކު ގެއްލުން ދޭން އުޅޭ ކަމުގެ މައުލޫމާތު މިރޭ 19:00ހާއިރު ލިބުނު ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާއާ ބަޔަކު މާރާމާރީ ހިންގުމަށް ފަހު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޓޭކްއަވޭ ތަނަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާއާއި މާރާމާރީ ހިންގުމަށް ފަހު ފިލި އެކަކު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މީހަކު މަގު މައްޗަށް ވައްޓައި، ބަޔަކު ގުރޫޕު ހަދައިގެން އޭނާއަށް ހަމަލާ ދޭ މަންޒަރު ފެނެއެވެ. ވަކި ހިސާބަކު އެކަކު، ފަސް ލީޓަރުގެ ހުސް ފެންފުޅިއެއް ކަމަށް ބެލެވޭ އެއްޗަކުން ވެސް އެ މީހާ ގައިގައި ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މާލޭގައި ހިންގި އެ މާރާމާރީގެ އިތުރުން، ގއ. މާމެންދޫގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝަށް މިއަދު ހަމަލާ ދިން މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

https://sun.mv/190147

ނަރީޝަށް ހަމަލާ ދިނީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް ދީދީގެ ކެމްޕެއިނަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

އެ ހަމަނުޖެހުން ހިނގީ ސަރުކާރުގެ ޕާޓީތަކަށް ތާއިދު ކުރާ ބަޔަކާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބަޔަކާ ދެމެދު ކަމަށް އެ ރަށުން "ސަން"އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެއެވެ.

comment ކޮމެންޓް