ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުން ދޭން އުޅުނު ކަމަށް ބުނެ ގުރޫޕް މަރާމާރީއެއް

މާލޭގައި ހިންގި މާރާމާރީ ތެރެއިން: އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ އެމްވީކްރައިސިސް

މާލޭގައި ހުރި ކާބޯތަކެތި ތައްޔާރުކޮށްދޭ ޓޭކްއަވޭ އައުޓްލެޓަކަށް މިރޭ މީހަކު ގެއްލުން ދޭން އުޅުނު ކަމަށް ބުނެ ބަޔަކު މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުގައި ރޯޝަނީ މަގުގައި ހުރި އެ އައުޓްލެޓަށް މީހަކު ގެއްލުން ދޭން އުޅޭ ކަމުގެ މައުލޫމާތު ވަނީ މިރޭ 19:00ހާއިރު ލިބިފައެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާއާ ބަޔަކު މާރާމާރީ ހިންގުމަށް ފަހު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޓޭކްއަވޭ ތަނަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާއާއި މާރާމާރީ ހިންގުމަށް ފަހު ފިލި އެކަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މީހަކު މަގު މައްޗަށް ވައްޓައި، ބަޔަކު ގުރޫޕު ހަދައިގެން އޭނާއަށް ހަމަލާ ދޭ މަންޒަރު ފެނެއެވެ. ވަކި ހިސާބަކު އެކަކު، ފަސް ލީޓަރުގެ ހުސް ފެންފުޅިއެއް ކަމަށް ބެލެވޭ އެއްޗަކުން ވެސް އެ މީހާ ގައިގައި ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް