ރައްޔިތުންގެ އިޙުސާސްތަކަށް މި ސަރުކާރުން ދަނީ ފުރަގަސްދެމުން: ޝާހިދު

ކެމްޕޭން ޖަލްސާއެއް ގައި ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ އިޙުސާސްތަކަށް މި ސަރުކާރުން ދަނީ ފުރަގަސްދެމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މ. ރަތްމަންދުއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރެއްވުމެއް ނެތި ފެއްޓެވި މަޝްރޫޢުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރަަތްމަންދޫގެ ފެނާއި ނަރުދަމާގެ 90 ޕަސެންޓް ވަނީ ނިންމާފައި ކަމަށެވެ. އަދި އިންޖީނުގޭގެ މަސައްކަތް ވެސް ވަނީ ގާތްގަނޑަކަށް ނިންމާފައި ކަމަށާއި އެހެނިހެން މަސައްކަތްތައް ވަނީ ފެށި، އެކި މަރުޙަލާތަކުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ހުރިހާ މަޝްރޫއެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.

"މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި، ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ވަނީ ހުއްޓާލާފަ. މި ރަށުގެ ހުރިހާ މަޝްރޫއު ތަކެއް ވަނީ ހުއްޓާލާފަ." ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަމަށެވެ. މި ސަރުކާރުން މި ތިންމަސް ތެރޭގައި ހޭދަކޮށްފައިވަނީ 300 މިލިއަން ރުފިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރަށްރަށުން ފަށާފައިވާ ތަރައްޤީގެ މަސައްކަތް މިދަނީ ވީރާނާ ވަމުން، ގެނެސްފައިވާ ތަކެތި ބޭކާރުވަމުން. ރައްޔިތުންގެ އިޙުސާސްތަކަށް މި ސަރުކާރުން ދަނީ ފުރަގަސް ދެމުން،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް