ލަސްވެގެން މޭ މަހުގެ ތެރޭ އީ ވޮލެޓުގެ ޚިދުމަތް ރާއްޖޭގައި ފެށޭނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު --

ރިޔާސީ ވައުދުފުޅެއްކަމަށްވާ، އީ ވޮލެޓުގެ ޚިދުމަތް، ކުރިއަށް އޮތް މޭ މަހުގެ ތެރޭ ގާއިމްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި މާލެއަށް ނިސްބަތްވާ އަބްދުﷲ އިނާން ސުވާލުކުރީ އީ ވޮލެޓުގެ ޚިދުމަތާ ގުޅޭގޮތުންނެވެ.

އެގޮތުން އެ ޚިދުމަތް ފެށުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އަދި އެ ކަމުގެ އިތުރު މައުލޫމާތު އާންމު ނުވާތީ އެ މަސައްކަތުގެ އަދާހަމައެއް ބަލައިލަން ބޭނުންވީކަމަށް އޭނާ ބުންޏެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން މިހާރު ވެސް ވަރަށް ބާރު ދުވެލީގައި ކުރަމުން އަންނަކަމަށެވެ. އަދި އުންމީދަކީ ލަސްވެގެން މޭ މަހު އެ ޚިދުމަތް ގާއިމްކުރެވި ލިބެން ފެށުން ކަމަށެވެ.

" މޭމަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ ވޮލެޓުގެ ޚިދުމަތް ތައާރަފްކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އީ ވޮލެޓުގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު މީގެ ކުރިން ސަރުކާރުން ވަނީ، އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދަން އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެލެއްވި ރިޔާސީ ވައުދުފުޅެކެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ނުލިބޭތީ އެކަމާ ގިނަ ޒުވާނުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ކަންބޮޑުވުން އަބަދުވެސް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ވެސް ބުނެއެވެ.

އީ ވޮލެޓަކީ ވިޔަފާރީގެ ތެރޭ އުޅޭ ގިނަ ޒުވާނުން ވެސް ގާއިމްކުރަން ބޭނުންވާ ޚިދުމަތެކެވެ.

comment ކޮމެންޓް