މަސްތުވާތަކެތި ޓްރެފިކިންގެ ބޮޑު މައްސަލައެއް، 2 މީހުން ސަލާމަތްވެ އެކަކު ޖަލަށް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއްގައި ދެ މީހުން ސަލާމަތްވެ އެކަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގދ. ހޯނޑެއްދޫ / ގުލޭނޫރަންމާގެ ޢަލީ ޒުބައިރު
  • ގދ. ހޯނޑެއްދޫ / އިރުމަތީގެ އަޙްމަދު ސުނައިނު
  • ގދ. ހޯނޑެއްދޫ / އަލޯރާ އަޙްމަދު މުޖާހި

މީގެ ތިން އަހަރުކުރިން، 2021ވަނަ އަހަރު ހިނގި މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ، ދައުވާ ކުރެވުނު ތިން މީހުންގެ ތެރެއިން ކުށްވެރިވެފައިވަނީ ޢަލީ ޒުބައިރު ކަމަށް ހުކުމްކޮށްފައެވެ. އަދި ކުށުގެ ގާނޫނީ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމް ކޮށްފައެވެ.

https://sun.mv/172975

އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސަ އިއްޔެއިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އެއްކޮށް މީރާއަށް ދައްކައި ޚަލާސް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ އަށް ވަނީ އަންގައިފައެވެ.

އޭނާގެ އިތުރުން ދެން ދައުލަތުން ދައުވާ ކުރި ދެ މީހުން، މަސްތުވާތަކެތި ޓްރެފިކް ކުރި ކަަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި އެ މީހުން ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލައިގައި ހުޅުމާލޭގެ ރަބަރުގަސްމަގުގައި އޮތް ކާރަކުން ވެސް ފުލުހުން ވަނީ މިކަމަށް ބޭނުންވާ ހެކި ހޯދައިފައެވެ. އެގޮތުން އެ ކާރުގެ ފަހަތު ސީޓުގައި މަސްތުވާތަކެތި އަޅައިފައިހުރި ތިން ފުޅިމަދު ފޮށި ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތިން ފޮށިގަނޑުގައި މުޅި ޖުމްލަ 46 ޕެކެޓުގެ މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ކާރުގެ ޑިކީ ތެރޭގައި އޮތް ދެ ދަބަހެއްގައި 20 ޕެކެޓު އޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ސައިކަލެއްގެ މަޑިދަށް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ހުރި ފަސް ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް