ކުޑަކުދިން ގެއްލިގެން ރިޕޯޓުކުރުމާ އެކު އެކްސްޕްލޮއިޓްކުރުމުގެ ތަހުގީގެއް ފަށަން ޕީޖީން ލަފާދީފި

ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް -- ފޮޓޯ/ ރައީސް އޮފީސް

ކުޑަކުދިން ގެއްލިގެން ރިޕޯޓުކުރުމާ އެކު, ކުށްކުށަށް އަރައިގަންނަން އެ ކުދިން ބޭނުންކޮށްފާނެ ކަމަށް ބަލައި އެކްސްޕްލޮއިޓް ތަހުގީގެއް ފަށަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތަހުގީގީ އިދާރާތަކަށް މިއަދު ލަފާދެއްވައިފިއެވެ.

ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަހުޤީޤުކުރުމުގައާއި ދައުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި ޕީޖީ ޝަމީމް މިއަދު ވަނީ އިރުޝާދެއް ނެރުއްވާފައެވެ.

މި އިރުޝާދާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، ކުޑަކުދިން ގެއްލިގެން ރިޕޯޓުކުރުމާ އެކު އެކްސްޕްލޮއިޓް ކުރުމުގެ މައްސަލައަކަށް ބަލައި ވަގުތުން ތަހުގީގު ފަށަން އެ އިރުޝާދުގައިވާ ކަމަށެވެ.

މި ތަހުގީގުގައި ކުއްޖާގެ ހުރިހާ މައުލޫމާތެއް ހޯދިފައި ހުންނަން ޖެހޭނެ ކަމާއި، ސީސީޓީވީ ފުޓޭޖެއް ހުރެއްޖެ ނަމަ އެ ފުޓޭޖެއް ހޯދާ ތަހުގީގެއްގައި ފުރިހަމަ ވަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވާންޖެހޭނެ ކަމަށް ޕީޖީ އިރުޝާދު ދީފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 122 ވަނަ މާއްދާ، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގައި، ތަފާތު އެކިއެކި ކުށްކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ބޭނުންކުރުމަކީ އޭގެ ޒާތުގައި ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މި ބާވަތުގެ ކުށްތަކުގައި ތަޙުޤީޤުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރެއެވެ.

ޕީޖީ އޮފީހުން ބުނީ، މި އިރުޝާދުގެ ސަބަބުން ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެ ކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި، މި ބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަހުގީގުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުސޫލުތައް ވެސް ދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެ ކަމަށެވެ.

އާއިލާއަށް ގެއްލިގެން ކުޑަކުދިން ހޯދަން ދޭތެރެއަކުން އިއުލާނުކުރެއެވެ. އެކަމަކު، އާންމުކޮށް ހޯދަން އިއުލާނުކުރާތާ ކުޑަ ވަގުތުކޮޅެއްތެރޭ އެނބުރި ގެއަށް ދެއެވެ.

comment ކޮމެންޓް