ހަފުތާއެއް ތެރޭ 200އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފި

ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ ސަބަބުން ފުލުހުން ވެހިކަލް ޓޯ ކުރަނީ -- ފޮޓޯ/ ފުލުހުން

ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ހަފުތާއެއް ތެރޭ 200އަށް ވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފިއެވެ.

ފުލުހުން އެކްސްގައި އާންމު ކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފުތާގައި ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަސް ފިޔަވާ ހުރިހާ ދުވަހަކު ފުލުހުން ވަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެގޮތުން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ 40 އުޅަނދު ޓޯކޮށްފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ވަނީ 48 އުޅަނދު ޓޯކޮށްފައެވެ. މި ހަފުތާގެ ހޯމަ ދުވަހުގެ ރޭ 41 އުޅަނދު ޓޯކޮށްފައިވާއިރު، އަންގާރަ ދުވަހުގެ ރޭ 60 އުޅަނދު ޓޯކޮށްފައިވެއެވެ. އަދި ރޭ ފުލުހުން ވަނީ 46 އުޅަނދު ޓޯކޮށްފައެވެ.

މި އުޅަނދުތައް ޓޯކޮށްފައިވަނީ ސްކޫލު ޒޯންތަކަށް އުނދަގޫވާނެހެން ހުންނަ ތަންތަނުންނާއި މާލޭގެ ބޮޑެތި އަދި ގިނަ މިހުން ބޭނުންކުރާ މަގުތަކުންނެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ މާލޭގައި ބޮއްސުންލިއެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން އުސްފަސްގަނޑު ފަދަ، މާލޭގައި ހުސްޖާގައިގެ ގޮތުގައި އޮންނަ މަދު ތަންތަން ވެސް ވެހިކަލްތަކުން ފުރާލިއެވެ.

https://sun.mv/187507

ނުގަވާއިދުން ޕާކުކޮށް މަގު ބޭނުންކުރާ މީހުންނަށް އެކަމުގެ ތަކުލީފު ބޮޑުވުމުން، ފުލުހުން މި މަހު ތިންވަނަ ދުވަހު ވަނީ އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަން އިއުލާނުކޮށްފައެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެއް ޕާކުކޮށްފައިހުރި ބޭނުންނުކުރާ އަދި ހަލާކުވެފައި ހުރި ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ވެސް މި ފަހުން ފުލުހުންނާއި އިދާރާތަކުން ގުޅިގެން ވަނީ ފަށާފައެވެ.

comment ކޮމެންޓް