ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއްޖެ؛ ސަމާލުވުމަށް ސްޓެލްކޯގެ އިލްތިމާސެއް

މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓު ޚަރަދު ކުޑަ ކުރުމަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައި --

މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓު ޚަރަދު ކުޑަ ކުރުމަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ރޯދަމަސް ދިމާވެފައިވަނީ، މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ދުވަސްވަރާ ކަމަށެވެ.

ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ރޯދަމަހު ވެސް ކަރަންޓު ބޭނުންކުރުން އިތުރުވެފައިވާކަން ތަފާސްހިސާބުން ދައްކާ ކަމަށެވެ.

"މިކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން،" ފަހުމީ ވިދާޅުވިއެވެ.

އެހެންވެ، ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، މި ދުވަސްވަރު ކަރަންޓު އިގުތިސަދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަކު ވެސް ކަރަންޓުގެ އިތުރުން ފެން ބިލް ބޮޑުވުމަކީ އާންމު މައްސަލައެކެވެ. ނަމަވެސް މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/189407

މިމަހުގެ ހަތަރެއްގައި ރައީސް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް ކޮށްފައިވާ ކަމަށާއި އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށެވެ.

މެޓް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މާޗު މަހާއި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. އެގޮތުން ވިލާ މަދުވުމާއި ވައި މަޑުވުމުންނާއި ވައިގެ ތެތްކަން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުން ހޫނުމިން އިހުސާސް ކުރެވޭ މިންވަރު މަތިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް