އާ ޖޭމްސް ބޮންޑަކީ އެރަން ކަން ކަށަވަރުވީތަ؟

ޖޭމްސް ބޮންޑް ފިލްމު ސީރީޒްގައި ބޮންޑްގެ ރޯލު ކުޅެމުން އައި ޑެނިއެލް ކްރެގް ވަނީ އެތައް އަހަރުތަކަކަށް ފަހު އެންމެ ފަހުން އެ ކެރެކްޓަރަށް އަލްވަދާއު ކިޔާފައެވެ. އެއާއެކު އާ ތަރިއެއް ހަމަޖެއްސުމާ މެދު ތަފާތު އެކި ލީކް ތަކަށް ފަހު މިހާރު އެކްޓަރު ފައިނަލް ވެފައިވާ އިޝާރާތްތަކެއް ކޮށްފިއެވެ.

ޖޭމްސް ބޮންޑުގެ ރޯލުން އެންމެ ފަހުން ކްރެގް ފެނިގެން ގޮސްފައިވަނީ 2021 ވަނަ އަހަރު ނެރުނު "ނޯ ޓައިމް ޓު ޑައި" އިންނެވެ. އެއަށްފަހު އެ ރޯލު ހުސްވުމާ ގުޅިގެން އެ ރޯލަށް ހަމަޖައްސާނެ މީހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ބޮންޑުގެ ރޯލު ކުޅޭނީ މިވެނި އެކްޓަރެއް ކަމަށް ބުނެ ބަހުސްތައް ވެސް ދަނީ ކުރެވެމުންނެވެ. އެ އެކްޓަރުންގެ ތެރޭގައި އިދްރިސް އެލްބާ، ޓޮމް ހިޑްލެސްޓަން، އެއިޑަން ޓާނާ އަދި ޓޮމް ހާޑީފަދަ އެކްޓަރުންގެ ނަންތައް ވަނީ ހިމެނިފައެވެ. ނަމަވެސް އެ ރޯލަށް ދެން އައުމަށް ހަމަޖެހިފައިވަނީީ "ކިކް އޭސް" އާއި "ބުލެޓް ޓްރެއިން"ގެ ރޯލުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު އެރަން ޓޭލާ ޖޯންސަން ކަމުގައި ލީކްތައް ވާން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ނަމަވެސް މިއިން އެއްވެސް ވާހަކައެއް އެކްޓަރު އަދި ޕްރޮޑަކްޝަނުން ވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެކަމާ ގުޅޭ ވާހަކަތައް ދެކެވެނިކޮށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން"އިން އެންމެ ފަހުން ވަނީ އާ ބޮންޑު ކަށަވަރު ކޮށްދީފައެވެ. ދަ ސަންއަށް އިތުބާރު ހިފޭ މަސްދަރަކު މައުލޫމާތު ދިން ގޮތުގައި މިހާރު ބޮންޑުގެ ރޯލަށް އެރަން ވަނީ ކަށަވަރު ވެފައެވެ. އަދި އެ ރޯލަށް އެރަން ހަމަޖެއްސުމުގެ ރަސްމީ ލިޔެކިޔުންތަކުގެ މަސައްކަތް މިހާރު ނިމުމާ ގާތް ވާ ކަމަށްވެސް ސަންއިން ހާމަކޮށްފައިވެއެވެ.

އާ ބޮންޑު ހަމަޖެހި ފްރެންޗައިޒް އަލުން ފެށިގެން ދާނެ ދުވަހެއް ނުވަތަ ޓައިމްލައިނެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް