ދިޔަދޮވިން ފެންފައިބާ 12 އިމާރާތެއް މަރާމާތުކުރަން އަންގައިފި

މާލޭގެ މޭޔަރު އާދަމް އާޒިމް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ދިޔަދޮވިތަކުންނާއި އޭސީތަކުން މަގުމައްޗަށް ފެންފައިބާ 12 އިމާރާތެއް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލުން އެ ތަންތަނުގެ ވެރިފަރާތަށް މިއަދު އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ކުރެއްވީ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިޔަދޮވިންނާއި އޭސީތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުރި 12 އިމާރާތެއް ސިޓީ ކައުންސިލުން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އެ ތަންތަން މަރާމާތު ކުރުމަށް ވެރި ފަރާތަށް މިއަދު އެންގިއިރު، މި ކަމާ ގުޅިގެން އާޒިމް ވަނީ އެ ފަދަ ތަންތަން ވީހާ ވެސް އަވަހަށް ރަނގަޅުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރޯދައަށް ގޭގެ ސާފުކުރުމަށް ފަހު އެއްލައިލައި ކުނި މަގުމަތީގައި ބަހައްޓާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ.

މާލެ ސިޓީ ރީތިކޮށް ބޭއްވުމަށް ޓަކައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަނީ ސީސީޓީވީގެ އެހީގައި މާލޭގެ މަގުމައްޗަށް ކުނިއަޅާ މީހުން ހޯދައި ޖޫރިމަނާކުރަން ވެސް ފަށާފައެވެ. އެގޮތުން، ނުގަވާއިދުން ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މާލެތެރެ ސާފު ކުރުމުގެ ތެރެއިން 19 ދުވަސް މަތިން ސިޓީ ކައުންސިލުން ވަނީ 345.15 ޓަނުގެ ކުނި ނަގާފައެވެ. އަދި މި މަހުގެ 14ވަނަ ދުވަހު އެކަނި ވެސް މާލޭ މަގުމަތިން 39.5 ޓަނުގެ ކުނި ނަގާފައިވާކަން މޭޔަރު ވަނީ ހާމަ ކުރައްވާފައެވެ.

ރޯދަ މަހާއި ގާތްކޮށް ގެތައް ސާފުކުރުމަށް ފަހު ބާ ފަރުނީޗަރުތަކާއި ކުނިތަކުން މަގުމަތި ފުރާލައި މުޅި މަގުމަތި ވަނީ ގޮނޑު ކޮށްލައިފައެވެ. ބާ ސޯފާތަކާ، ގޭސް އުނދުނުން ފެށިގެން ތެލިތަށި ވެސް އުކައިލަން ނެރެ މަގުމަތީ ބަހައްޓާފައި ހުރެއެވެ. މި ކުނިތަކުން ދުވާރު ވެސް ވަނީ ފުރިފައެވެ.

މިކަމާ ގުޅުގެން މަގުމަތީގައި ހިނގައިބިނގާވެ އުޅޭ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ހިއްސާކޮށްފައެވެ.

comment ކޮމެންޓް