ރޯދައިގެ ފަހު 10ގައި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ހާއްސަ އުސޫލެއް

ޕީޖީ އޮފީހުގެ މައުލޫމާތާއި ތަފާސްހިސާބު ހިމެނޭ ނިއުސްލެޓާ އަދި ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަކަދައްކަވަނީ / ފޮޓޯ: ޕީޖީ އޮފީސް

ރަމަޟާންމަހުގެ ފަހު 10ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އަމަލުކުރާނެ ޚާއްސަ އުސޫލެއް ކަނޑައަޅައިފިއެވެ.

ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގުގައި މިއަދު ޝާއިއު ކުރެއްވި ލިޔުމެއްގައި ވަނީ މި އަހަރުގެ ރަމަޟާން މަހަށް ޕީޖީ އޮފީހުގައި މަސައްކަތް ކުރަން ހަމަޖައްސާފައިވާ ގޮތް ހާމަ ކުރައްވާފައެވެ.

އެ ގޮތުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރާން ކޮންމެހެން ޖެހޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުންް ގެއިން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. މި އުސޫލުގެ ދަށުން، ގާނޫނުގައި ބުނާ މުއްދަތު ހަމަވާތީ ވަކި ދުވަހެއްގައި ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކާއި ކޯޓުތަކަށާއި ތަހުގީގީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުން މަސައްކަތް ކުރާނެއެވެ.

ޕީޖީ ޝަމީމްގެ ބްލޮގުގައި ވިދާޅުވެފައިވަނީ ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ވެސް އޮންލައިންކޮށް ލިބޭނެ ކަމަށާއި، ރަމަޟާންމަހު ޕީޖީ އޮފީހުގެ އެއްވެސް ކަމެއް ނުހުއްޓޭނެ ކަމަށެވެ.

މި އުސޫލުގެ ދަށުން ޕީޖީ އޮފީހުގެ ކޮންމެ ޔުނިޓަކުން ވެސް ރަމަޟާން މަހުގެ ފަހު 10ގެ ކުރިން ހާސިލްކުރާނެ ކަންތައްތަކެއް ކަނޑައަޅަންޖެހެއެވެ.

"މިސާލަކަށް، ދުވަސްވީ މައްސަލަތައް ފައިލްކޮށް ނިންމައިލުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފައިލްތައް ތަރުތީބުކުރުމާއި، ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރުން ފަދަ ކަންކަމެވެ. އެކަންތައްތަކުގެ ލިސްޓެއް، ރަމަޟާން މަސް ފެށުމުގެ ކުރިން، ސުޕަވައިޒަރަށް ހުށަހަޅައި، ފާސްކުރަންޖެހެއެވެ. އެ ކަންތައްތައް ކުރެވޭ މިންވަރު ސުޕަވައިޒަރު ދާނީ ބަލަމުންނެވެ،" އެ ބްލޮގުގައިވެއެވެ.

މި އުސޫލުގެ ދަށުން ރަމަޟާން މަހުގެ 20ވަނަ ދުވަހާ ހަމަޔަށް އެ ލިސްޓުގައި ހުރި ކަންކަން ނިންމާލެވިއްޖެ ނަމަ، އެމަޖެންސީ ކަމެއް ފިޔަވައި ފަހު 10ގައި އެއްވެސް މަސައްކަތެއް ނޯންނާނެއެވެ. އެހެން ނަމަވެސް ހާސިލް ކުރާނެ ކަންތައްތަކުގެ ލިސްޓުގައިވާ ކަންކަން ފުރިހަމަ ނުވެއްޖެނަމަ، ފަހު 10ގައި ނިކުމެގެން ވެސް އެ މަސައްކަތްތައް ފުރިހަމަ ކުރަން ޖެހެއެވެ.

މި ކަމާ ގުޅިގެން ޝަމީމް ލިޔުއްވާފައިވަނީ "އާދައިގެ ދުވަހެއްގައި ނުނިމި ހުރި ކަންތައްތަކެއް ރަމަޟާންމަހުގެ ތެރޭގައި ނިންމައިލުމަށް ބާރުލިބޭ," ކަމަށެވެ.

މީގެ އިތުރުން އެ އޮފީހުގެ އާންމު މަސައްކަތުގައި އުޅޭއިރުގައާއި، އެކި ބައްދަލުވުންތަކުގައި ދެކެވޭ ވާހަކައަށް ފުރިހަމަ ފޯކަސް ކުރުމުގެ ގޮތުން މޮބައިލް ފޯނު ނުވައްދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ޝަމީމް ލިޔުއްވާފައިވަނީ އަމާޒަކީ ލަގްޒަރީ ޕަބްލިކް ސާވިސްއެއް ދިނުން ކަމަށެވެ. އަދި އެ ފަދަ ހިދުމަތެއް ދެވޭނީ އެކުރާ ކަމަކަށް އާދަޔާ ޚިލާފު ބޮޑު ފޯކަސްއެއް، ސަމާލުކަމެއް ދީގެން ކަމަށެވެ.

އެހެން ނަމަވެސް "އެއްޗެއް ނޯޓުކުރާނަމަ، ނޯޓުކުރާ ފޮތް ހުންނާނެއެވެ. އިންޓަނެޓުން ކަމެއް ކުރަންވެއްޖެނަމަ، ކޮމްޕިއުޓަރާއި ލެޕްޓޮޕް ހުންނާނެއެވެ. ފޯނެއް ކުރަންވެއްޖެނަމަ، ލޭންޑް ލައިން ހުންނާނެ"ކަމަށް ޝަމީމް ލިޔުއްވިއެވެ.

މީގެ އިތުރުން ވެސް ޕީޖީ އޮފީހުގެ ފިރިހެން މުވައްޒަފުން ރަމަޟާން މަހު ޓައީ އަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް ރަމަޟާންމަހު، ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފުންނާއި، ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހޭ މީހުން، އެ ބައްދަލުވުމުގެ ވަގުތުގައި ޓައީ އަޅަން ޖެހޭނެއެވެ.

އަދި ދިވެހި ބަހަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ލިޔެފައި ހުންނަ ލިޔުންތަކުގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ މަސައްކަތްތަކެއް މި މަހު ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ވެސް ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެ ގޮތުން މިދިޔަ އަހަރު އެ އޮފީހުގެ މުވައްޒަފުން މަސައްކަތްކުރީ ރަމަޟާން މަހުގައި ހަފުތާއަކު ހަތަރު ދުވަހުގައެވެ.

comment ކޮމެންޓް