ބަޔާނާ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ފުޅާކޮށް، ލެވަކޫސަން ތައްޓާ ގާތަށް

ލެވަކޫސެންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

ޖަރުމަނު ބުންޑަސްލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ބަޔާ ލެވަކޫސެންއިން އެސްސީ ފްރެއިބާގްގެ މައްޗަށް ކުރި ހޯދައި، ލީގު ކާމިޔާބުކުރުމާ އިތުރު ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ފްރެއިބާގްގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކުސެންއިން ކާމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ ދެވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ޖަހައިދިން ލަނޑާ އެކު ލެވަކޫސެންއިން ލީޑު ނެގިއެވެ. ނަމަވެސް ލެވަކޫސެންއަށް މި ލީޑު ދެމެހެއްޓޭވަރުވީ މެޗުގެ 10 ވަނަ މިނެޓާ ހަމައަށެވެ. ފްރެއިބާގްގެ ރިޓްސޫ ޑޮއާން ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. މެޗުގައި ލެވަކޫސެންއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 40 ވަނަ މިނެޓުގައި އެޑަމް ހުލޯޒެކް ޖަަހައިދިން ލަނޑުންނެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ޖަހައިދިން ލަނޑުން ލެވަކުސެންއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.

މެޗުގައި ފްރެއިބާގްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޔަނިކް ކެއިޓެލްއެވެ. މި ލަނޑާ އެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ކުޑަކުރެވުނު ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭވަރެއް ނުވިއެވެ.

މި ކާމިޔާބީއާ އެކު ލެވަކޫސެންއިން މިހާރު ވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު 26 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 70 ޕޮއިންޓް ހަމަކޮށްފައެވެ. މިއާއެކު ލެވަކޫސެންއިން ވަނީ ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާ ދެމެދުގައިވާ ފަރަގު އަނެއްކާ ވެސް 10 ޕޮއިންޓަށް ފުޅާކޮށްފައެވެ.

comment ކޮމެންޓް