ބައި މިލިއަން ރުފިޔާގެ ސްކޭމް ކޯލް: 40 މީހެއްގެ އެކައުންޓުގައި ފައިސާ ދައުރުކޮށްފައިވޭ

މާފުށީ ޖަލުން ކުރި ސްކީމް ކޯލާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހޯދި ތަކެތި: މާފުށީ ޖަލުން ސްކޭމް ކޯލް ކޮށްގެން ވަގަށް ނެގި ބައި މިލިއަން ރުފިޔާ 40 މީހެއްގެ އެކައުންޓުގައި ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

މާފުށީ ޖަލުން ސްކޭމް ކޯލް ކޮށްގެން ވަގަށް ނެގި ބައި މިލިއަން ރުފިޔާ 40 މީހެއްގެ އެކައުންޓުގައި ދައުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސްކޭމް ކޯލު ކޮށްގެން އަމިއްލަ ޖަމިއްޔާއެއްގެ އެކައުންޓަކުން ފަސް ލައްކަ ރުފިޔާ ނެގި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ސްކޭމް ކޯލު ކޮށްފައިވަނީ މާފުށީ ޖަލުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ފަރާތުން ވާހަކަ ދައްކަވަމުންއެ ޔުނިޓުގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޔޫސުފް ލޫތު ވިދާޅުވީ އޮޅުވައިލައިގެން މަކަރާއި ހީލަތުން ފަސްލައްކައަށް ވުރެ ގިނަ ފައިސާ ނަގާފައި ވަނީ ޖަމިއްޔާއެއްގެ އެކައުންޓަކުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު މާފުށި ޖަލުގައި އޮޕަރޭޝަނެއް ހިންގައި ޖަލުން 22އަށް ވުރެ ގިނަ ފޯނު ހޯދައިފައިވާކަމަށެވެ.

https://sun.mv/189671

އެ މައްސަލައިގެ ތަހުގީގުފަށައިގެން ކުރިއަށް ދިޔަ އިރު، ގިނަ ބައެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ. އެގޮތުން ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުންނަށް ފުރަތަމަ ބެލެވުނީ 14 ފަރާތެއްގެ އެކައުންޓުގައި ކަމަށްވީ ނަމަވެސް އިތުރަށް ތަހުގީގު ކުރުމުން، 40 އެކައުންޓެއްގައި ފައިސާ ދައުރުކޮށްފައިވާކަން އެނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ގިނަ ތަންތަނެއް ބަލައި ފާސްކޮށް، މީހުން ދިރިއުޅޭ ގެތައް ބަލައި ފާސްކޮށް އަދި މީހުން ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ މިހާރު ވާނީ ހޯދާފައި،" ލޫތު ވިދާޅުވިއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް