ބަނޑުހައިހޫނުކަމުގައި ވެސް އީމާންތެރިކަން ވަރުގަދަ: ''މި ރޯދަމަސް އުފާވެރިއެއް ނޫން''

ޣައްޒާގެ އާއިލާއެއް ރޯދަ ވީއްލަނީ -- ފޮޓޯ/އަލްޖަޒީރާ

އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާގެ ހަނގުރާމައަށް ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް މަސް ކަމަށްވާ، ރަމަޟާން މަހުގެ ދުވަސްތައް މިވަނީ ފެށިފައެވެ. މި ރަމަޟާން މަހަކީ ޣައްޒާގެ އާންމުންނަށް މީގެކުރިން ބައްދަލުނުކުރާވަރުގެ އުނދަގޫ ރަމަޟާން މަހެކެވެ.

ޖުމުލަ 2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ގިނަ ބައެއްގެ އަމިއްލަ ގެދޮރު ވަނީ ގެއްލިފައެވެ. އެ މީހުން ދިރިއުޅެނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާއާއި އެހެނިހެން ވަސީލަތްތައް މަދުވެ، އެ ވަސީލަތްތަކުން މަހުރޫމުވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ. ރަމަޟާން މަހުގެ މާ ކުރިން ވެސް ޣައްޒާގެ ގިނަ ރައްޔިތުން ތިބެނީ ރޯދަޔަށެވެ. ކާނާއާއި ބޯނެފެން ވެސް ނުލިބިއެވެ.

"އަޅުގަނޑަށް ފެނޭ ކާއެއްޗެހި ހޯދަން ހިނގާ މީހުން، ނަމަވެސް އެ މީހުންގެ އެއްވެސް ދިރުމެން ނެތް. ފުރާނަ ވަނީ މަރުވެފައި،" ޣައްޒާ ސިޓީގެ އުމުރުން 25 އަހަރުގެ ލުޖައިން އަނާން އޭބީސީ ނިއުސްއަށް ކިޔައިދިނެވެ.

އަނާނަކީ ޣައްޒާގެ ދެކުނުގައި އޮންނަ މިސްރާއި ޣައްޒާގުޅޭ ސަރަހައްދީ ރޮނގުކައިރީގައި އޮންނަ ރަފަހް ސިޓީން ހިޔާވަހިކަން ހޯދާފައިވާ މިލިއަން މީހުންގެ ތެރެއިން އެކަކެވެ.

ކޮންމެ ދުވަހަކީ ކުރީގެ ހަނދާންތައް އާކޮށްދޭ ދުވަހެއް ކަމަށާއި، އެ މީހުން މި އުޅެނީ ދިރިއުޅުމެއް ނޫން ކަމަށާއި ދިރިހުންނަނީ ކަމަށް ވެސް އަނާން ބުންޏެވެ. އަދި، މި ރަމަޟާން މަހަކީ ޣައްޒާއަށް އުފާވެރި މަހެއް ނޫން ކަމަށް ވެސް އަނާން ބުންޏެވެ.

އަނާންގެ އިތުރުން ޣައްޒާގެ ކޮންމެ ރައްޔިތަކީ ވެސް އެ ހިތްދަތިކަން ތަހައްމަލުކުރަމުންދާ މީހެކެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތުކޮށްލައިފައިވާ މިސްކިތްތައް ހުރި ސަރަހައްދުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޣައްޒާގެ އާްންމުންގެ ބަޔަކު ނަމާދު ކުރަނީ -- ފޮޓޯ/އަލްޖަޒީރާ

"އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ ރޯދަ މަހު އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައާއި ބޮމުގެ ހަމަލާތަކުގެ ދަށުގައި ކަމަކަށް،" އުމުރުން 62 އަހަރުގެ ނަބީލާ ރާބިއާ ބުންޏެވެ.

ޣައްޒާގެ ހާން ޔޫނިސްއަށް އުފަން ރާބިއާ މިހާރު ދިރިއުޅެނީ ޣައްޒާގެ ދެކުނުގައި އޮންނަ އަލް މަވާސީ ސަރަހައްދުގައި ހުރި ވަގުތީ ހިޔަލެއްގައެވެ.

"މި ރަމަޟާން މަހު ހުރިހާ ކަމެއް ވެސް މިސްވާނެ. އާއިލާއާ އެކު އުޅޭ ވަގުތުތައް. ރޯދަވީއްލާ ގަޑީގައި އެންމެ އެއްވާ އެއްވުން،" އުމުރުން 42 އަހަރުގެ ސުހައިލް އަލް އަހްރަސް ބުންޏެވެ.

ރަނގަޅަށް ކާބޯތަކެތި ނުލިބޭތީ އޭނާގެ ކުދިން މި އަހަރު ރޯދަޔަށް ނުބަހައްޓާ ކަމަށް ވެސް ސުހައިލް ބުންޏެވެ.

ޣައްޒާގެ މިހާރުގެ ހާލަތު ބަޔާންކޮށް އދ.އިން ބުނި ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަން އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ. އެ ސިޓީގެ 90 އިންސައްތަ މީހުންތިބީ ކާބޯތަކެތި ނުލިބިއެވެ. ހާއްސަކޮށް ޣައްޒާގެ އިތުރުގައިތިބި ގިނަ ބަޔަކު ތިބީ އެއްވެސް ވަރަކަށް ކާނެއެއްޗެއް ނުލިބި ކަމަށާއި އެ މީހުންނަށް ރޯދަ ވެސް ނުހިފޭނެ ކަމަށް އދ.އިން ބުނެއެވެ.

އެފަދަ ދަތި ހާލުގައި ވެސް މި މާތް މައްސަރުގެ ސަވާބާއި ދަރުމަ ހޯދުމަށް ޣައްޒާގެ ގިނަ ބަޔަކު އަންނަނީ މަސައްކަތްކުރަމުންނެވެ. ދަތިވެ، ނިކަމެތިވެފައިވާ ހާލުގައި ވެސް އެ މީހުންގެ އީމާންތެރިކަން ވަރުގަދައެވެ. އެގޮތުން ޣައްޒާގެ ބައެއް އާންމުން އަންނަނީ ރަމަޟާން މަހުގެ އުފާވެރިކަން ގެނައުމަށް ވަގުތީ ހިޔާތަކުގައި ބޮކިދިއްލައި ޒީނަތްތެރިކޮށް ރޯދަވީއްލާ ގަޑިއަށާއި ނަމާދު ގަޑިތަކުގައި އެންމެން އެއްތަންކުރުވުމުގެ މަސައްކަތްކުރަމުންނެވެ.

ރޯދަ މަސް ފެށުން ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ރިލޭޝަންސް އެންޑް އެޑްވަޓައިޒްމެންޓުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ޒުވާން ހާލާ އަބޫ އަލްލައިލް އަންނަނީ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ ތިބި ކުދިންނަށް ބައެއް ކުޅިވަރުތައް ކުޅުމުގެ އިންތިޒާމުތައް ކުރަމުންނެވެ. ހާލާ ބުނި ގޮތުގައި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބަލިވެފައިތިބި ކުޑަކުދިންގެ ސިކުނޑިތަކަށް ހަނގުރާމައިގެ އެ ހާލަތުން ބޭރުވުމަށް މަސައްކަތްކޮށްދިނުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.

މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަށް 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް