ޑިމާންޑްތައް ނުފުދޭ ކަމަށް ބުނެ ހަނގުރާމަ ހުއްޓާލަން އިސްރާއީލުން ދެކޮޅު ހަދައިފި

ޣައްޒާގެ ރަފަހް ސިޓީން މީހުން ފޭބުމަށް އިސްރާއީލުން އެންގުމުން އެ ސަރަހައްދުން މީހުން ނުކުންނަނީ -- ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ގަތަރާއި މިސްރު މެދުވެރިވެގެން ހުށަހެޅި ހުށަހެޅުން ޣައްޒާގެ ވެރިކަންކުރާ، ހަމާސް ޖަމާއަތުން ބަލައިގެން ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުން ދެކޮޅު ހަދައިފައެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާއަތުގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ގަތަރުގެ ބޮޑުވަޒީރާއި މިސްރުގެ އިންޓެލިޖެންސް މިނިސްޓަރަށް ވިދާޅުވީ ހަނގުރާމަވެރި ޖަމާއަތުން އެ މީހުންގެ ހުށަހެޅުން ބަލައިގެންފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ، ހުށަހަޅާފައިވާ އެއްބަސްވުމަކީ އިސްރާއީލުގެ ޑިމާންޑްތަކަށް ނުފެތޭ އެއްބަސްވުމެއް ކަމަށާއި މަޝްވަރާކުރާ ފަރާތްތަކާ ބައްދަލުކުރުމަށް ވަފުދެއް ފޮނުވާނެ ކަމަށެވެ.

ތިން ފިޔަވައްސެއް ހިމެނޭ އެ ހުށަހެޅުމުގައި އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމަ ހުއްޓައިލުމާއި، ދެ ފަރާތުން އަސީރުން މިނިވަންކުރުން ހިމެނެއެވެ.

ހުށަހެޅުމަށް އިސްރާއީލުގެ ފަރާތުން ފުރިހަމަ ޖަވާބެއް ލިބިފައިނުވާއިރު، ޣައްޒާގެ ރަފަހް ސިޓީއަށް ދޭ ހަމަލާތައް އިސްރާއީލުން ވަނީ ވަރުގަދަކޮށްފައެވެ. ރޭ އެކަނި ވެސް ރަފަހް ސިޓީން 12 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ރަފަހްއަކީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިބި މިހާތަނަށް ރައްކާތެރި ކަމަށް ބެލެވުނު ހަމައެކަނި ސަރަހައްދެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 34،735 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 78،108 އަށް އަރައިފައެވެ.

comment ކޮމެންޓް