އެފްއޭއެމް ވެޓެރަންސް ލީގު: ޗެމްޕިއަން ހުޅުމާލެ ވެޓެރަންސްއަށް ރަނގަޅު ފެށުމެއް

އެފްއޭއެމް ވެޓެރަންސް ފުޓުބޯޅަ ލީގު 2023ގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

އެފްއޭއެމް ވެޓެރަންސް ފުޓުބޯޅަ ލީގުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބު މޮޅެއް ހޯދައިފިއެވެ.

ރަމަޟާން މަހަށް ހާއްސަ މުބާރާތެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ވެޓެރަންސް ލީގުގެ މި އަހަރުގެ މުބާރާތް ފަށާފައިވަނީ އިއްޔެ ހަވީރު ހެންވޭރު ދަނޑުގައެވެ. އެ މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ވިލިމާލެ ޔުނައިޓެޑުގެ މައްޗަށް ފަސޭހަކަމާ އެކު 7-0ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. އެ ޓީމުގެ ފުރަތަމަ ދެ ގޯލު ހުސައިން ޝިމާޒް (ކޮކީ) ކާމިޔާބުކޮށްދިންއިރު، ތިންވަނަ ގޯލަކީ ވިލިމާލެ ޔުނައިޓެޑުގެ އިމްރާން އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ތިން ގޯލުގެ ލީޑަކަށްފަހު ވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުޅުމާލެ ވެޓެރަންސްއިން ވަނީ ހަތަރުވަނަ ގޯލެއް ކާމިޔާބުކޮށްފައެވެ. އެ ޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ގިތުރީޒެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0ގެ ނަތީޖާއަކުން ހުޅުމާލެ ވެޓެރަންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ހުޅުމާލެ ވެޓެރަންސްގެ ކޮކީ ވަނީ ދެ ގޯލު ޖަހައިފައެވެ. އެއާއެކު މެޗުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. އަދި މެޗު ނިމެނިކޮށް، ހުޅުމާލެ ވެޓެރަންސްގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝަމީމް (އައްޔަ) އެވެ.

މި އަހަރުގެ ވެޓެރަންސް ލީގުގައި ޖުމުލަ ދިހަ ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. "ގްރޫޕު އޭ"ގައި ހިމެނެނީ އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑް، ހުއްރިއްޔާ، ޕޮލިސް ކްލަބު އަދި ދިވެހި ސިފައިންގެ ކްލަބެވެ.

"ގްރޫޕް ބީ"ގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، ލެގޫންސް ސްޕޯޓްސް ކްލަބު، އެމްއެސް މޭޓްސް، މުއިވެޔޮ އަދި ކްލަބު ސްޓެލްކޯއެވެ.

comment ކޮމެންޓް