އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ އަޅަން، ހަކަތައިގެ ބޮޑު ކުންފުނި ވިޓޯލްއަށް

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން 'ވިޓޯލް'އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: އެ ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް މިއަދު އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބަންކަރިންގެ ޚިދުމަތަކީ ބޮޑެތި ބޯޓުތަކަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

އެ އެއްބަސްވުން ހެދުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝިމާދު އިބްރާހީމެވެ. އަދި ވިޓޯލް ގުރޫޕުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގްއެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި މި މަޝްރޫއު ފެށުމަށްޓަކައި ހަވާލު ކުރި ކުންފުނި ކަމަށްވާ ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގެ ދާއިރާއިން މިހާރު ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށެވެ.

އޭނާ ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން އިގްތިސާދީ ގޮތުންވެސް އެތަކެއް ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

"އެގޮތުން އެސްޓީއޯގެ ރެވެނިއުއާއި ފައިދާ އިތުރުވެ، ޝެެއާ ހޯލްޑަރުންނަށް ބަހާ ޑިވިޑެންޑު އިތުރުވެ، ސަރުކާރަށް ލިބޭ ޓެކްސް ރެވެނިއުވެސް އިތުރުވާނެ،" އޭނާ ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން 'ވިޓޯލް'އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: އެ ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މީގެ އިތުރުން ގައުމަށް ލިބޭ ބޭރު ފައިސާ އިތުރުވެ، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް މި ޕްރޮޖެކްޓުގެ ސަބަބުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަށްވެސް އިތުރުވާނެ ކަން ޝިމާދު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޖޭ އެންގް ވިދާޅުވީ މި ސަރަހައްދަކީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭން އެންމެ ރަނގަޅު ލޮކޭޝަން ކަމަށެވެ.

ވިޓޯލްގެ ބަންކަރިން ވިޔަފާރީގެ ސަޕްލައި ހަބްތައް ސިންގަޕޫރާއި ޔޫއޭއީ އާއި އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިދިޔަ އަހަރު ދުނިޔޭގެ ބަންކަރިން ޑެލިވަރީ މާކެޓުގެ ހަ ޕަސެންޓް ފޯރުކޮށްދީފައި ވަނީ އެ ކުންފުނިން ކަމަށެވެ.

"އެއީ ދުނިޔޭގެ 230 މިލިއަން ޓަނުގެ ސަޕްލައިއަށް ބަލާއިރު 13 މިލިއަން ޓަނު،" ޖޭ އެންގް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ވިޓޯލް ފަދަ ކުންފުންޏަކުން، ރާއްޖެއަކީ މި ސަރަހައްދުގެ ބަންކަރިން ޑެސްޓިނޭޝަނަކަށް ވާނެ ވާހަކަ ބުނުމުން އުފާވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަޅުތަކުގެ ފުންމިނަކީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ނިއުމަތެއް ކަމަށެވެ.

ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެއެވެ.

comment ކޮމެންޓް