ރޯދަ ވީއްލާ ވަގުތު މާ ގިނައިން ކެވެނީތަ؟

ރޯދާ ވިއްލާ ވަގުތު މާގިނައިން ކެއުމުން ސިއްހީ ގިނަ މައްސަލަތަކަށް މަގުފަހިވޭ-- ފޮޓޯ/ ޕިންޓަރެސްޓް

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައް ހުސް ބަނޑާ ތިބުމަށް ފަހު ރޯދަ ވީއްލާ ވަގުތު ކައިރިވާ ވަރަކަށް ބަނޑުހައިހޫނުކަމުގެ އިހުސާސް ކުރެވޭ މިންވަރު އިތުރުވެއެވެ. ޢަސްރު ނަމާދުގެ ވަގުތަށް ފަހު މަޣުރިބު ނަމާދު ވަގުތާ ހަމައަށް އެ އޮންނަ ވަގުތަކީ ގިނަ ބަޔަކު ބަދިގޭގައި ހޭލަމޭލައަށް ރޯދަ ވީއްލަން ސުފުރާ ތައްޔާރުކުރުމުގައި އަވަދިނެތި އުޅޭ ވަގުތެވެ. މި ވަގުތަކީ އެއްބަޔަކު އެ ދުވަހު ރޯދަ ވީއްލާ ގަޑީގައި ކާލާނެ ތަކެތީގެ ލިސްޓެއް ހުވަފެނީ ދުނިޔޭގައި ތައްޔާރުކުރާ ވަގުތު ވެސް މެއެވެ.

އެހެން މަސްތަކާ ޚިލާފަށް ކެއުމުގައި ވަކި މިންގަނޑެއްގައި ހިފެހެއްޓުމަކީ ސިއްހީ ގޮތުން ވެސް ތިމާގެ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބިދޭ ކަމެއްކަމުން ޚިޔާލީ ފޮލާގެ ދުނިޔެއިން ބޭރުވެ ހަގީގީ ދުނިޔެއަކަށް އެނބުރި އަންނާށެވެ. ރޯދަ ވީއްލާ ވަގުތު ފުރިގެންވާ މިންވަރަށް ކާ އެއްޗެތި ހަށިގަނޑަށް އެތެރެކުރުމުން ބަނޑު ހަލާކުވެ، ބަނޑުގެ އެކިއެކި ބަލިތައް އުފެދި، ސިއްހީ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވެއެވެ.

ކެއުމުގައި ކާނާ ބޭނުންކުރާ މިންވަރު ވަކި ވަރަކަށް ނުހިފެހެއްޓިއްޖެ ނަމަ ދިމާވެދާނެ ބައެއް މައްސަލަތަކުގެ ތެރޭ ކުއްލިއަކަށް ބަރުދަން އިތުރުވުމާއި އޮބެސިޓީއާއި ހަކުރު ބަލީގެ އިތުރުން ހިތުގެ ބަލިތައް ފަދަ އެއާ ގުޅިފައިވާ މައްސަލަތައް ވެސް ކުރިމަތިވެއެވެ. މީގެ އިތުރުން، މީހާ ކަންނެތްވެ، ރޭގަނޑުގެ ބާކީ އޮތް ބައި ހޭދަކުރަން ޖެހޭނީ އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވެއެވެ.

ކެއުމުގައި ވަކި މިންގަނޑެއްގައި ހިފެއްހެޓުމަކީ ސިއްހީ މައްސަލަތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެއް-- ފޮޓޯ/ ޕިންޓަރެސްޓް
ރޯދަ ވީއްލާ ވަގުތު މާ ގިނައިން ކެއުމުގެ އާދަ ދުރުކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ ދުވަހަކު ތިމާ ރޯދާ ވީއްލުމަށް ތައްޔާރުކުރާނެ ކެއުން ކުރިއާލާ ރާވައި އެއީ ސިއްހަތަށް ރަނގަޅު ސިއްހަތާ ރައްޓެހި ކެއުމަށް ހެދުމެވެ.

މާ ގިނައިން ކާ ހިތްވާނަމަ އެކަމުން ދުރުހެލިވުމަށް އެކި ވައްތަރުގެ ނުވަތަ އެކި ގްރޫޕްގެ ނިއުޓްރިއެންޓްސް ހިމެނޭ ކާތަކެތީގެ އައިޓަމްސް އިތުރުކޮށް ކާން ބޭނުންކުރާ ޕޯޝަން މަދު ކުރެވިދާނެއެވެ. ރޯދަ ވީއްލަ ވަގުތު އިންތިހާއަށް ބަނޑުހައިވާކަމުގެ އިހުސާސް ކުރެވޭނަމަ އެ ކަމުން ދުރުވުމަށް ފަސޭހައިން ހަޖަމުކުރެވޭ ކާނާއެއް ޚިޔާރުކުރެވިދާނެއެވެ.

ބައެއް ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި ތިން ކަދުރު، ބައި ތަށި އޮރެންޖު ޖޫސް ނުވަތަ އެއް ތަށި ތަރުކާރީ ސޫޕަކީ މިކަމަށް އޮތް ހައްލެކެވެ. މިއީ ގުލްކޯސް ލެވެލް އާއްމު ހާލަތަށް ގެނައުމަށް އެހީތެރިވެދީ، މައިގަނޑު ކެއުމުގައި ބަނޑުހައިވުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކެއުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް