ސަރުކާރުން ޑްރޯން ގަންނަނީ ބޮޑު އަގުގައި، މިއީ ކެމްޕޭނަށް ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: އެމްޑީޕީ

ކުއްލިއަކަށް އަވަސް އަރުވައިލައިގެން ސަރުކާރުން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ބޮޑު އަގުގައި ޑްރޯން ގަންނަނީ މަޖިލީސް އިންތިޚާބު ކެމްޕޭނަށް ފައިސާ ހޯދަން ކަމަށާއި އެއީ ޖަރީމާއެއްކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް އިންތިޚާބު ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގޮތެއް ގާއިމްވެފައި އޮތުމަކީ މަސްވެރިން ހިމެނޭހެން ދިވެހި ހުރިހާ ރައްޔިތުން ވެސް ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ރާއްޖެއިން އެ ކަން ކުރަންވާނީ ރާއްޖޭގެ ފެންވަރުން ކަމަށެވެ.

"އެކަމު އެ ޓެކްނޮލޮޖީ ނެތިގެންނެއް ނޫން އަޅުގަނޑުމެންނަށް އެ ޓެކްނޮލޮޖީއާ ހަމައަށް ނުދެވި އޮތީ. އަޅުގަނޑުމެންގެ މާލީ ހާލަތު ހުރިގޮތުން އެ އެއްޗިއްސާ ހަމައަށް އެ ފަދަ މި ދެންނެވީ އެ އެންމެ ފަހުގެ ޓެކްނޮލޮޖީއާ ހިސާބަށް ދެވެން އަދި ނެތީ،" އޭނާ ވިދާޅުވިއެވެ.

އެހެން އެކަން އޮއްވައި ވެރިކަމަށް ވަޑައިގެން 'ކުއްލިއަކަށް' ތުރުކީއަށް ދަތުރުފުޅުކުރައްވައި ކޮންޓިންޖެންސީ ބަޖެޓުން 30 އަށްވުރެ ގިނަ މިލިއަން ޑޮލަރު އެ ކަމަށް ޚަރަދުކުރީ ބަޖެޓުނުކޮށް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ތުހުމަތުކުރެއްވީ މިއީ މަޖިލިސް އިންތިޚާބަށް ފައިސާ ހޯދަން ސަރުކާރުން ކުރި ކަމެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބަށް ފައިސާ ހޯދަން ނުއަގުގައި ބޮޑެތި އަގުތަކުގައި އާންމުކޮށް ބާޒާރުން ދުނިޔޭގެ ބާޒާރުގައި ތި ވިދާޅުވި ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށްވުރެ މާ ބޮޑު އަގުގައި އެ ކަން ކުރައްވައިފައި އެ އޮތީ،" އެ ކަމުގެ ތަފްސީލު އެބަހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ޑްރޯން ގެނައުމަށް ދިރާސާކޮށް ޕައިލެޓް މަޝްރޫއެއް ހިންގަން ރާވައިފައި އޮތް ކަމަށެވެ.

އެހެންކަމުން ބޭނުންވާ ތަފްސީލީ ހުރިހާ މައުލޫމާތެއް އެ ޕާޓީއަށް އެނގޭކަމަށް ވިދާޅުވިއެވެ. ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ ފޯރުކޮށްދޭން ވެސް ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްކަން ހާމަނުކުރައްވައެވެ.

"...ދެ ފަރާތުގެ އިސް ބޭފުޅުން އެ ކަމާ ގުޅުންހުރި އިސް ބޭފުޅުން މަޝްވަރާކުރަމުން ދަނިކޮށް ސަރުކާރު ބަދަލުވީ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އީސާ މިފަދައިން ތުހުމަތުކުރެއްްވިއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މި މަސް ތެރޭ މުޅި ރާއްޖެ 24 ގަޑިއިރު ބެލެހެއްޓުމުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް