ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް މެންބަރުންގެ އަދަދު ގުނަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅާފައިވަނީ ކައުންސިލަރުން ޕާޓީ ބަދަލުކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދޭ މެންބަރުން ވެސް ހިމަނައިގެން، މެންބަރުންގެ ޖުމުލަ އަދަދު ގުނަން ސުޕްރީމް ކޯޓުންކުރި ހުކުމާ ޚިލާފަށް، އެ މެންބަރުން ނުހިމަނައި އަދަދު ގުނަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ހަތް މެންބަރަކު މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުން، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އިސްތިއުފާ ދޭ މެންބަރުން ނުހިމަނައި ޖުމްލަ އަދަދު ގުނުމަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްފައެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 29ގައި އެ ކޯޓުން ހުކުމްކުރީ މެންބަރުންގެ އަދަދު 80އަށް ހަދަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. ނަމަވެސް އޭރު މަޖިލީހުން ވަނީ އެ މާއްދާ ބާތިލުކޮށް، އެހެން މާއްދާއެއްގައި ކުދިކުދި ބަދަލުތަކާ އެކު އެ އިސްލާހު ހިމަނަން ފާސްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ވަނީ، މަޖިލީހުގެ ޖުމްލަ އަދަދު 80 މެންބަރުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 23 މެންބަރަކު އެގޮތަށް ފާސްކުރަން ރުހުން ދިންއިރު، ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރުންނެވެ.

މަޖިލީހުގެ ހަތް މެންބަރުން އިސްތިއުފާ ދެއްވި ނަމަވެސް އެ ދާއިރާތަކަށް އާ މެންބަރުން އިންތިޚާބު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 20 ވަނަ މަޖިލީހުގެ އިންތިޚާބަށް ހަ މަސް ދުވަސް ނެތުމުން، ބައި-އިލެކްޝަނެއް ބާއްވައި އިތުރު މެންބަރެއް އިންތިޚާބުކުރުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބިދީފައެއް ނެތުމުންނެވެ.

އެ ނިންމުމާ އެކު މަޖިލީހަށް ގަވައިދަށް ގެނައި އިސްލާހުން އެމްޑީޕީ މެންބަރުންގެ ބާރު ގަދަވެ، އެ މެންބަރުންނާއި އިދިކޮޅުގައި އޮތް ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަޒުލުކުރުމުގެ ބާރު ވެސް ލިބުނެވެ.

ބަންޑާރަނައިބުގެ އޮފީހުން އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ގަވާއިދަށް އަމަލުނުކުރާން އަންގައި ވަގުތީ އަމުރެއް ނެރުނެވެ. އެކަމަކު، މަޖިލީހުން އޭރު ނިންމީ އެ ވަގުތީ އަމުރަށް ވެސް ތަބާވާން ނުޖެހޭނެ ކަމަށެވެ.

އަމުރަށް ތަބާނުވި ނަމަވެސް މަޖިލީހުން 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލުކޮށް، ހަމަ އެ މާއްދާގައި ހިމެނި ކަންތައްތައް މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރުކުރުމަށް ފަހު، މަޖިލީހުން ނިންމީ ވަގުތީ އަމުރު އޮތް ނަމަވެސް ޖުމުލަ މެންބަރުންގެ އަދަދު ގުނާނީ 80ގެ ގޮތުގައި ކަމަށެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ނުބެލޭނެ ކަމަށް ކަނޑައެޅި ނަމަވެސް، ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅީ 49 ވަނަ މާއްދާގެ މައްސަލަކަމުން، އެ މައްސަލައިގައި އިތުރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް