އިއްޔެއިން ފަށައިގެން ޒަކާތް ބަލައިގަންނަން ފަށައިފި

ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިއްޔެއިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިގޮތުން އޮންލައިން ކޮށް ޒަކާތް ދެއްކޭނެ ގޮތްތައް:

  • ދިރާގު އެޕް/ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
  • އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
  • މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް
  • ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް
  • ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް
  • ބަނޑޭރި ޕޭ

ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

އަދި، ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާތީ އެ ދުވަސްތަކުގައި މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހާއްސަ ގަޑިތަކެއް ވަނީ ކަނޑައަޅައިފައެވެ.

ޒަކާތް ބަލައިގަންނަ ގަޑިތައް:

  • ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު ފަހު 13:00 އަށް
  • ފަހު 10 ގެ ދުވަސްތަކުގައި ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 14:00 އަށް

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 12 ރުފިޔާ، ތައިލެންޑް ހަނޑުލުން ނަމަ 70 ރުފިޔާ އަދި އާދައިގެ ބާސްމަތީ ހަނޑުލުން ނަމަ 70 ރުފިޔާއެވެ.

ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ. ޒަކާތު ހައުސްއިން ބުނީ ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އެ ރަށެއްގެ ކައުންސިލްތަކުން ހަމަޖައްސާނެ ކަމަށެވެ.

comment ކޮމެންޓް