ރޯދައިގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެ

އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިްވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.

ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި 109،200 މީހުން ޒަކާތް ދީފައިވެއެވެ.

އެ ގޮތުން އާދައިގެ ހަޑުލުން 63،389 މީހުން ޒަކާތް ދީފައިވެއެވެ. އެއީ ޖުމްލަ 760،668 ރުފިޔާއެވެ.

ތައިލެންޑް ހުދު ހަނޑުލުން ޒަކާތްދީފައިވަނީ 3028 މީހުންނެވެ. އެއީ ޖުމްލަ 211،960 ރުފިޔާއެވެ.

ރަތް ހަނޑުލުން ޒަކާތްދީފައިވަނީ 740 މީހުންނެވެ. އެއީ ޖުމްލަ 59،200 ރުފިޔާއެވެ.

ބާސްމަތީ އާދައިގެ ހަނޑުލުން 14،567 މީހުން ޒަކާތްދީފައިވެއެވެ. އެއީ ޖުމްލަ 1،019،690 ރުފިޔާއެވެ.

ބާސްމަތީ މޮޅު ހަނޑުލުން ޒަކާތްދިނީ 9،489 މީހުންނެވެ. އެއީ ޖުމްލަ 948،900 ރުފިޔާއެވެ.

ބާސްމަތީ އެންމެ މޮޅު ހަނޑުލުން ޒަކާތްދީފައިވަނީ 10،770 މީހުންނެވެ. އެއީ ޖުމްލަ 1،347،375 ރުފިޔާއެވެ.

އާދައިގެ ފުށުން ޒަކާތްދީފައިވަނީ 5،984 މީހުންނެވެ. އެއީ ޖުމްލަ 59،840 ރުފިޔާއެވެ.

އާޓާ ފުށުން ޒަކާތްދިނީ 1،224 މީހުންނެވެ. އެއީ ޖުމްލަ 91،800 ރުފިޔާއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދެއްކުމަށް ހަމަޖެހިފައިވާ ފައިސާގެ އަދަދު:

އާދައިގެ ހަނޑޫ - 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
ރަތް ހަނޑޫ - 80 ރުފިޔާ
ބާސްމަތީ އާދައިގެ ހަނޑޫ އާދައިގެ - 70 ރުފިޔާ
ބާސްމަތީ މޮޅު ހަނޑޫ - 100 ރުފިޔާ
ބާސްމަތީ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
އާދައިގެ ފުށް - 10 ރުފިޔާ
އާޓާ ފުށް - 75 ރުފިޔާ

މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބުނެވެ.

މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މާޗުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން އޮތީ އިއުލާންކޮށްފައެވެ. އެ ގޮތުން ދިރާގު އެޕް، ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކޭނެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަންނަން ވަނީ ފަށައިފައެވެ.

comment ކޮމެންޓް