ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ބުނާ ޒުވާނަކު މަރަން ޕާކިސްތާނުގައި ހުކުމްކޮށްފި

ރަސޫލާއަށް ފުރައްސާރަކުރުމުން 22 އަހަރުގެ ޒުވާނަކު މަރަން ޕާކިސްތާނުގެ ކޯޓަކުން ވަނީ ހުކުމްކޮށްފި -- ފޮޓޯ/އިންގްލިޝް އަރަބިޔާ

ކީރިތި ރަސޫލާ މުޙައްމަދު ޞަލައްﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަ ކުރުމުން 22 އަހަރުގެ ޒުވާނަކު މަރަން ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި އިތުރު އެހެން ކުއްޖަކު އުމުރަށް ޖަލަށްލާން ވެސް ވަނީ ހުކުމުކޮށްފައެވެ.

އެ ދެމީހުން ވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

ޖުނައިދު މުނީރު ކިޔާ 22 އަހަރުގެ ޒުވާނާގެ މައްޗަށް އުފުލައިފައިވާ ދައުވާއަކީ 2022 ވަނަ އަހަރު ވަޓްސްއެޕް މެދުވެރިކޮށް އިސްލާމުދީނާ ދެކޮޅު މައުލޫމާތު ފޯރުކޮށްދިންކަމުގެ ދައުވާއެވެ. ނަމަވެސް މުނީރުގެ ބައްޕަ މުނީރު ހުސައިން ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ މައްޗަށް ކޮށްފައިވާ އެ ތުހުމަތަކީ ދޮގު ތުހުމަތެކެވެ. އަދި، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހުސައިން ބުންޏެވެ.

ހުސެއިން ބުނި ގޮތުގައި އޭނާ އަކީ މުނީރުގެ ބައްޕައަށްވުމުން އެ އަވަށުގެ މީހުން ގަބޫލުކުރަނީ އޭނާ ވެސް މަރާލަން ޖެހޭނެ ކަމަށެވެ.

އެހެންވެ، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އާއިލާ އެކު ފިލައިގެންނެވެ. މިހާރު އެ މީހުން ތިބި ތަނެއް ވެސް ހާމަކުރެވެންނެތް ކަމަށް ހުސައިން ބުންޏެވެ.

"އަހަރެމެންނަކީ މުސްލިމުން. އަހަރެމެންގެ ނަބިއްޔާ ދެކެ އަހަރެމެން ލޯބިވަން. ލޮބުވެތި ނަބިއްޔާއަށް ފުރައްސާރަ ކުރާނެ ކަމަށް އެއްވެސް މުސްލިމަކަށް ތަސައްވަރު ވެސް ނުކުރެވޭނެ. އަހަރެންގެ ދަރިފުޅަކީ ކުށެއް ނެތް މީހެއް،" ހުސައިން ބުންޏެވެ.

ޕާކިސްތާނުގެ ކުފުރުވެރިކަމުގެ ގާނޫނުތަކުގެ ދަށުން ދީނަށް ނުވަތަ ދީނީ ފަރާތަކަށް ފުރައްސާރަ ކުރި ކަމަށް ސާބިތުވާ ކޮންމެ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އަދި ކުފުރުގެ މަރުގެ ހުކުމެއް ތަންފީޒުނުކުރާއިރު، އެ ކަމަށް ތުހުމަތުކުރުމަކީ ހަމަނުޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް