ޣައްޒާގެ ސިއްހީ ހިދުމަތްތެރިން ވެސް ބަނޑުހައިހޫނުކަންމަތީގައި

ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޒަހަމްވެފައިވާ މީހަކަށް ފަރުވާދެނީ -- ފޮޓޯ/މިޑްލްއީސްޓްމޮނިޓާ

ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވާ 2000 އެއްހާ ސިއްހީ ހިދުމަތްތެރިން ރަމަޟާން މަސް ފަށާނީ ހާރު އަދި ރޯދަވީއްލާ ގަޑީގައި ވެސް އެއްވެސް އެއްޗެއް ނުކައި ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ސިއްހީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޣައްޒާގެ އުތުރުގައި މެޑިކަލް ޓީމުތަކުން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި އެ މީހުންގެ އަތުގައި ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި، ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރީ ކާނާ ޓީމުތަކަށް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އެހީދޭ ޖަމުއިއްޔާތަކަށް އަޝްރަފް ވަނީ ގޮވައިލައްވައިފައެވެ.

މި އަހަރުގެ ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކުރީ އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ކުރަމުންދާތާ 160 ދުވަސްވީ ފަހުންނެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ކާނާއާއި، ބޯފެން އަދި ބޭސް ފަރުވާ ވެސް ޣައްޒާގެ ރައްޔިތުންނަށް ލިބުން ވަނީ ދަތިވެފައެވެ. ހާއްސަކޮށް ޣައްޒާގެ އުތުރުގައި ދިރިއުޅޭ އާންމުންނަށް ލިބޭ ދަތިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އަނެއްކޮޅުން މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުސްލިމުންގެ މުގައްދަސް މިސްކިތް ކަމަށްވާ އަލް އަގްސާ މިސްކިތަށް ވަދެގަންނާނެތޯ ނުވަތަ ނޫންތޯ ނިންމުމުގެ މަސައްކަތް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަނީ ކުރަމުންނެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އިއްޔެ ބުނީ ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުގެ ފައުޖުތަކުން އަލް އަގްސާ މިސްކިތަށް ވަދެގަންނާނެތޯ ނުވަތަ ނޫންތޯ ބެލުމުގެ ޒިންމާ ނަތަންޔާހޫ ނަގައިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 31،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް މަސް ކަމަށްވާ ރަމަޟާން މަހު ވެސް ކާނެ އެއްޗެއް ނުލިބި، ބަނޑުހައިހޫނުކަންތީ ތިބި ޣައްޒާގެ އާންމުންގެ ގިނަ ބަޔަކު އަންނަނީ ބަނޑަށް މަރުވަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

comment ކޮމެންޓް