ކިމްގެ ދަރި ނޯތު އަލްބަމެއް ނެރެނީ

ކިމް އަދި ކާންޔޭގެ ދޮށީ ދަރި އުމުރުން 10 އަހަރު ނޯތު ވެސްޓް --

މަޝްހޫރު ތަރީން ކަމަށްވާ ކިމް ކާޑޭޝިއަންއާއި ކާންޔޭ ވެސްޓުގެ ދޮށީ ދަރި ނޯތު ވެސްޓު މިއުޒިކުގެ ދާއިރާއަށް ނުކުތުމަށް ނިންމައި ފުރަތަމަ އަލްބަމް އިއުލާނުކޮށްފިއެވެ.

އުމުރުން 10 އަހަރުގެ ނޯތަކީ އަބަދު ވެސް ކެމެރާގެ ކުރިމަތީގައި ހަރަކާތްތެރިވާން ބޭނުންވާ ކުއްޖެއް ކަމަށް ކިމް މީގެ ކުރީން ބުނެފައިވެއެވެ. އެއާއެކު މަންމަގެ ހާއްސަ ކޮންޓްރޯލް ހުންނަ ގޮތަށް ކިމް ވަނީ ނޯތަށް ސޯޝަލް މީޑިއާ އެކައުންޓުތައް ހަދައިދީފައެވެ.

އެއާއެކު ނޯތު ވަނީ ޓިކްޓޮކުގައި ވީޑިއޯ ޕޯސްޓުކުރަން ފަށާފައެވެ. ނަމަވެސް މިއުޒިކަށް ޝައުގުވެރިކަން ހުންނަ ކަމެއް ނޯތު މީގެ ކުރީން ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭއާ އެކު ނޯތު ވަގުތު ހޭދަ ކުރާއިރު ސްޓޫޑިއޯގައި މަސައްކަތް ކުރުން ފަދަ ކަންތައްތައް ކުރަމުން އަންނަ ކަމަށް ކުރީން ވަނީ މައުލޫމާތު ލިބިފައެވެ.

ކާންޔޭގެ އަލްބަމް ކަމަށްވާ "ވަލްޗާސް"ގެ ހާއްސަ ލިސެނިން ޕާޓީއެއްގައި ނޯތު އޭނާގެ ބައްޕައާ އެކު ސްޓޭޖަށް އަރައި ވަނީ މިއުޒިކް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކޮށްފައެވެ.

ނޯތު ބުނި ގޮތުގައި އޭނާގެ ފުރަތަމަ އަލްބަމް މިހާރު ރިލީޒް ކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން ނޯތުގެ ޑެބިއޫ އަލްބަމަށް ކިޔާނީ "އެލިމެންޓްރީ ސްކޫލް ޑްރޮޕްއައުޓް" ކަމަށް ނޯތު ފާހަގަކުރިއެވެ. އޭގެ އިތުރުން އިވެންޓުގައި ނޯތު އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ދާދި ފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ޓައި ޑޮލާ ސައިން ރިލީޒް ކުރި ސިންގަލް އެއްގައި ވަނީ ނޯތު ފީޗާ ވެސް ކޮށްފައެވެ. "ޓޯކިން" ކިޔާ މި ލަވަ ވަނީ ބިލްބޯޑުގެ ޗާޓުގައި ވެސް ހިމެނިފައެވެ.

comment ކޮމެންޓް