ބަންދުގައި ހުންނެވި ޔާމީން ހުޅުމާލޭގައި އޮތް ކެމްޕޭނަކަށް، ކަރެކްޝަންސްއަށް ނޭނގޭ

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް ކެމްޕެއިން ހަރަކާތެއްގައި މިރޭ ބައިވެރިވެވަޑައިގެންފިއެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން ބައިވެރިވެވަޑައިގަތީ އެ މަނިކުފާނުގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ލަތީފްގެ ފަރާތުން ބާއްވާ މާހެފުމެއްގައެވެ. އެ މާހެފުމުން އިންތިޒާމުކޮށްފައިވަނީ ޖަލްސާއެއް ގޮތަށް، ޕޯޑިއަމެއް ބަހައްޓައި، އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ވާހަކަ ދައްކާ ގޮތަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވުމާއެކު، މިދިޔަ އޮކްޓޯބަރު މަހުގެ އެކެއްގައި ޔާމީން ގެޔަށް ބަދަލުކޮށް، އެ މަނިކުފާނަށް ވަނީ ހުކުމް ތަންފީޒު ކުރުމުގައި ލުއިތަކެއް ދީފައެވެ. އެގޮތުން ކަރެކްޝަނަލް ސާވިސްއިން ވަނީ އެ މަނިކުފާނު ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމަށް ހުއްދަ ދީފައެވެ.

އެ ސަބަބުތަކަށް ޓަކައި އެ މަނިކުފާނަށް މާލެ ސަރަހައްދުގައި، ބޭރަށް ނުކުމެ ވަޑައިގެން އުޅުއްވޭނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ. ނަމަވެސް ޔާމީން އަދިވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ މަނާ ކަމެކެވެ.

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މިރޭ ޔާމީން ބައިވެރިވެވަޑައިގެންނެވި ހަރަކާތާ ގުޅޭ ގޮތުން "ސަން"އިން ކަރެކްޝަންސްއާ ސުވާލުކުރުމުން ބުނީ އެފަދަ ހަރަކާތެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާކަން އަންގަވާފައިނުވާ ކަމަށެވެ.

ޔާމީންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒާ ގުޅުން ގޯސްވުމުން، އަމިއްލަ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ މީގެ ކުރިން ކަރެކްޝަންސްއިން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެ އިގުރާރަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެ މައްސަލަ ކުރިއަށްގޮސްފައިވާ މިންވަރާ ގުޅޭ ގޮތުން މިރޭ ކަރެކްޝަންސްއިން "ސަން"އަށް ބުނީ އެ މައްސަލައިގެ އިތުރު އަދާހަމައެއް ނެތް ކަމަށެވެ.

ޔާމީން ޕީއެންއެފްގެ ކެމްޕެއިން ޖަލްސާތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގެން، އެ މަނިކުފާނަށް ޕޯޑިއަމެއްގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނުލިބޭތީ ނުރުހުން ފާޅުކުރައްވައެވެ. އެފަދަ ޖަލްސާތަކުގައި އެ މަނިކުފާނު ވާހަކަދައްކަވަނީ ޕޯޑިއަމްގައި ހުންނަވާ ކެންޑިޑޭޓަކާ ސުވާލުކުރެއްވުމުގެ ގޮތުންނެވެ.

ނަމަވެސް މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވާހަކައެއް ނުދައްކަވައެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 25، 2022ގައި ހުކުމްކުރީ، ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވުމުންނެވެ.

comment ކޮމެންޓް