މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވަން ކަނޑުއުޅަނދުގައި ޓްރެކިން ޑިވައިސް ހަރުކުރަނީ

ކަނޑުއުޅަނދުތައް ބަލައިފާސްކުރުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަޟްހާ"ގެ ތެރެއިން-- ފޮޓޯ/ އެމްއެންޑީއެފް

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓަކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓަކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް" ހަރުކުރަން ވަނީ ނިންމަވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ޤަވާޢިދަށް އިޞްލާޙް ގެންނެވުމަށްވެސް ނިންމަވާފައެވެ.

އެ ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަންގައި ހަމަޖެއްސެވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމައިފައެވެ.

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 103 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މި މަހުގެ ތެރޭގައި ނައްތާލާފައިވެއެވެ.

ފުލުހުން ބުނީ މި ތަކެތީގެ މަގުމަތީ އަގު 425 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

comment ކޮމެންޓް