އެއްގަމު އުޅަނދު މަދުކުރަން މިހާތަނަށް ބޭނުންނުކުރާ 281 އުޅަނދު ނައްތާލައިފި

ހުޅުމާލެ މަގުމަތީ ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދެއް --- ސަން ފައިލް ފޮޓޯ

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު މަދުކޮށް، ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ޓަކައި މިހާތަނަށް 281 އުޅަނދު ނައްތައިލެވިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ ސަރަހައްދުގައި ވެހިކަލް މަދުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުން އިއްޔެގެ ނިޔަލަށް ކުރެވުނު މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުން ގިނަ ދުވަސްވީ 123 އުޅަނދު ނައްތައިލެވިފައިވާ ކަމަށެވެ.

މިދިޔަ މަހު 17 ގައި އެ މިނިސްޓްރީއިން އިސްނަގައިގެން ފެށި ބޭނުންނުކުރާ އުޅަނދު ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 281 އުޅަނދު ނައްތާލެވިފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މި ޕްރޮގްރާމުގައި ފުލުހުންނާއި، މާލޭސިޓީ ކައުންސިލާއި އެޗްޑީސީއާއި ކަސްޓަމްސް ބައިވެރިވެއެވެ. އަދި އެމްޓީސީސީއާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ އިތުރުން ވެމްކޯއާއި އިގްތިޞާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ ވެސް ބައިވެރިވެއެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ.

އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރު ބޮޑުވެއެވެ.

comment ކޮމެންޓް