ހޮންޑިއުރަސްގެ ކުރީގެ ރައީސް ޑުރަގު ވިޔަފާރިކުރިކަމުގެ ކުށް ސާބިތުވެއްޖެ

ހޮންޑިއުރަސްގެ ކުރީގެ ރައީސް އޮލާންޑޯ ހެނާންޑޭޒް -- ފޮޓޯ/ ރެއުޓާސް

ހޮންޑިއުރަސްގެ ކުރީގެ ރައީސް އޮލާންޑޯ ހެނާންޑޭޒް އެމެރިކާއަށް މަސްތުވަތަކެތެއްޗާއި ހަތިޔާރު އެތެރެކުރަން އުޅުނުކަން ނިއު ޔޯކުގެ ޖޫރީން ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި ސާބިތުވެއްޖެއެވެ.

ކުށް ސާބިތުވުމާ ގުޅިގެން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެމެރިކާގެ ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި، 2014 އިން 2022 އަށް ހޮންޑިއުރަސްގައި ވެރިކަންކުރި އުމުރުން 55 އަހަރުގެ ހަނާންޑޭޒް ވަނީ ހޮންޑިއުރަސް "ނާކޯ-ސްޓޭޓް"އަށް ބަދަލުކޮށްފައެވެ.

އެމެރިކާގެ ފެޑެރަލް ކޯޓުން ބުނީ ހެނާންޑޭޒް, އެމެރިކާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ އިތުރުން މެޝިން ގަން ހިމެނޭހެން ނުރައްކާތެރި ހަތިޔާރު އެތެރެކުރަން އުޅުނުކަން ސާބިތުވާ ކަމަށެވެ. ނަމަވެސް ހެނާންޑޭޒް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ހޮންޑިއުރަސްގެ ރައީސްކަން 2014 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި ހެނާންޑޭޒް ވަނީ ދެ ދައުރު ރައީސްކަން ކުރައްވައިފައެވެ.

ހެނާންޑޭޒްގެ މައްޗަށް އެމެރިކާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހައްޔަރުކުރީ އޭނާގެ ދެވަނަ ދައުރު ނިމުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ހޮންޑިއުރަސްއިން 2022 ވަނަ އަހަރުއެވެ. އެއަށް ފަހު ދެ މަސް ފަހުން އޭނާއެމެރިކާއަށް ފޮނުވާލައިފައެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ހަނާންޑޭޒް ވަނީ 2004 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާއާއި ވެނެޒުއޭލާގެ ކޮކެއިންގެ 500 ޓަނު ހޮންޑިއުރަސް މެދުވެރިކޮށް އެމެރިކާއަށް އެތެރެކޮށްފައެވެ. އެކަން އޭނާ ވެރިކަމަށް އައުމުގެ މާ ކުރިން ވެސް ކުރަމުން އައި ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ވެރިކަން ކޮށްފައިވާ އެހެން ބައެއް ބޭފުޅުންނަށް ވެސް އެމެރިކާގައި ވަނީ ޑުރަގު ޓްރެފިކިންގެ މައްސަލަތަކުގައި ދައުވާކޮށް ކުށް ސާބިތުވެފައެވެ. އޭގެ ތެރޭގައި ޕެނަމާގެ މެނުއަލް ނޮރީގާއަށް 1992 ވަނަ އަހަރު ސާބިތުވި ކުށްތަކާއި ގުއަޓެމާލާގެ އަލްފޮންސޯ ޕޯޓިލޯއަށް 2014 ވަނަ އަހަރު ސާބިތުވި ކުށް ހިމެނެއެވެ.

comment ކޮމެންޓް