ޔާމީންގެ ސަރުކާރަށްވުރެ މި ސަރުކާރު ނުރައްކާތެރިވާނެ: ޞާލިޙް

އެމްޑީޕީން ފުނަދޫ ދާއިރާއަށް ވާދަކުރާ އިލްހާމް އަޙުމަދުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ އަނިޔާވެރި، ބިރުވެރި ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު އެއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ފުނަދޫ ދާއިރާއަށް ވާދަކުރާ އިލްހާމް އަޙުމަދުގެ ކެމްޕެއިނަށް ށ. މާއުނގޫދުއަށް ވަޑައިގެން ޞާލިޙް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ހިނގަމުންދިޔަ ކަންތައްތައް ބަދަލުކުރުމަށް ކުރި މަސައްކަތުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރި މީހުންގެ ތެރޭގައި އިލްހާމް ހިމެނޭ ކަމަށެވެ.

އޭރު ކުރިން މަސައްކަތުން 2018ގައި ވެރިކަން ބަދަލުކުރެވުނު ނަމަވެސް، އަނެއްކާވެސް އޭގެ ކުރިން އޮތް މާހައުލަށް ރާއްޖެ ރުޖޫއަވެފައިވާ މަންޒަރު މިހާރު ފެންނަ ކަމަށް ޞާލިޙް ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ފުރުސަތު ދީފި ނަމަ ކުރިއަށް އޮތީ މާ ނުރައްކާ ދުވަސްތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާވަޑައިގަންނަވަންވާނެ. އަޅުގަނޑު އެބަ ދަތުރުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ދާ ކޮންމެ ރަށަކުން ރައްޔިތުން ބުނަމުންދަނީ މި ހެދުނީ ގޯހެކޭ މިކަން ބަދަލުކުރަން އެބަޖެހެޔޭ،" ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި އޮޅުވާލުން އިންތިހާއަށް އޮތް ކަމަށާއި އޭގެ އެއް މިސާލަކީ، ރަށްފުށުގެ ތަރައްގީއަށް ޓަކައި ކުރަން ފަށައިފައި ހުރި ހުރިހާ ކަމެއް ހުއްޓުމަކަށް ގެނެސްފައިވުން ކަމަށެވެ. އެގޮތުން ރައީސްގެ ރިޔާސީ ކެމްޕެއިން ތެރޭގައި، ރަށްރަށުގެ ތަރައްގީއަށްޓަކައި ފަށައިފައި ހުރި އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ އިތުރުފުޅެއްކަން މިއަދު ހާމަވާކަމަށް ޞާލިޙް ތުހުމަތުކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެ ވާހަކަތަކަކީ ހަމައެކަނި ވެރިކަން ހޯދުމަށް ޓަކައި ދެއްކި ބަހަނާތަކެއްކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ މަޝްރޫއުތައް ކުރިއަށްނުގެންދެވެނީ ބަޖެޓުގެ ދަތިކަމުން ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، އެ ދަތިތަކާ އެކުވެސް ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

"ވަޒީފާ އިންތިހާއަށް އެބަ އިތުރުކުރެވޭ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ވިއްޔާ މިހާރު ސިޔާސީ މަގާމުތައް 1500އާ ހިސާބަށް މިސްރާބު ޖަހާފަ އޮތީ. މިއީ މިއިން އެއްވެސް ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ކަންތައް ކުރި ގޮތެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަންނަ އޭޕްރިލް މަހުގެ 21ގައި ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ރައީސް ޞާލިޙް އެކި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު ރައީސް ޑރ. މުއިއްޒު ގެންދަވަނީ، ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ގޮތުން އަތޮޅުތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުންނެވެ.

comment ކޮމެންޓް