ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭ: އެމްޑީޕީ

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީއިން މިއަދު ބުނެފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ތެރެއިން އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންވެ، އެ މަސައްކަތުގައާއި މޯލްޑިވްސް ޖެންޑާ އީކުއާލިޓީ އެކްޝަން ޕްލޭންގައިވާ ކަންތައް ހާސިލްކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަަމަށް އެ ބަޔާނުގައިވެއެވެ.

އަންހެނުންތަކެއް ------- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މީގެ އިތުރުން އެ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރަމުން ފެށިގެން ގޮސް އެކަންކަން ތަންފީޒުކުރުމާ ހަމައަށް އަންހެނުންގެ ހިއްސާނެތް ކަން ފާހަގަކޮށް އެމްޑީޕީން ބުނީ ލީޑާޝިޕް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭކަމަށް ގަބޫލު ކުރާ ކަމަށެވެ.

އެގޮތުން ނިމިދިޔަ އެމްޑީޕީގެ ކޯލިޝަން އޮތް ސަރުކާރުގައި އެކަންކަން ރަނގަޅު ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެވިފައިވާ ކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

ނިމުނު ސަރުކާރުގައި ވަޒީރުކަމުން ފެށިގެން ގޮސް ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކެއްގައި ގިނަ އަދަދެއްގެ އަންހެނުން އައްޔަންކުރެވިފައި ތިބި ކަމަށާއި އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ އިސް ވެރިންނަށް ފިރިހެނުންނާއި އެއްވަރަށް އަންހެނުން ތިބިކަމަށް އެ ޕާޓީން ބުނެއެވެ.

އެހެނިހެން ގިނަ ދާއިރާތަކުން އަންހެނުންނަށް ބޮޑެތި ލުއި ތަކެއް ނިމިދިޔަ ސަރުކާރުގެ ތެރެއިން ފަހިކޮށްދީފައިވާ ކަމަށް އެޕާޓިން ވަނީ ބުނެފައެވެ.

"އަންހެނުންނަށް ހާއްސަ ލޯނުތަކާއި އިގްތިސޯދީ މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުނެވެ. އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަ މަސްދުވަސް ކަނޑައަޅައި، ދަރިއަކު ލިބުމާ ގުޅިގެން ފިރިހެނުންނަށް ވެސް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭނެގޮތް ހަދާދެވުނެވެ،" ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

އެއާއެކު، ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތައިގެ ކޯޓާ ޚާއްސަކޮށްދިން ކަމަށާއި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރެއް އައްޔަން ކުރެވިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މި ބަޔާނުގައި އެމްޑީޕީން ވަނީ ޑިމޮކްރެސީއަށް ކުރި ދަތުރުގައި އަންހެނުންނަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، ގެނެވުނު ހެޔޮ ބަދަލުތަކުގެ އެންމެ ބޮޑު ހިއްސާދާރުން ކަމަށް ބުނެފައެވެ. އަދި އެކަމުގައި ޝާމިލްވި ހުރިހާ އަންހެނުންނަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް