އަމާޒަކީ ދަނޑުވެރިކަމަކީ އިގުތިސާދީ ބިންގަލެއް ކަމުގައި ހެދުން: އެގްރިކަލްޗަރު މިނިސްޓްރީ

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިނގެ ބައްދަލުވުން--

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމަކީ އިގްތިސާދީ ބިންގަލެއް ކަމުގައި ހެދުން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހަފުތާ 14ގައި އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ފާއިޒް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމަކީ އިގްތިސާދީ ބިންގަލެއްގެ ގޮތުގައި ހެދުން ކަމަށެވެ.

އެހެން ކަމުން ޒުވާނުން މި ދާއިރާއަށް ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އިގްތިސާދީ ބިންގަލަކަށް ހަދައި ޒުވާނުން މި ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގޮތުން ވާޓިކަލް ފާމިން ފަށައި އެކަން ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖެ ފަދަ ގައުމުތަކުގައި ކުރަން ރަނގަޅު ކަމެއް ކަމަށެވެ.

"ބޭރު ގައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް މިއީ އިނގޭތޯ. ދެން ރާއްޖެ ކަހަލަ ބިން ނެތް ގައުމުތަކުގައި ކުރަން ވަރަށް ރަނގަޅު ކަމެއް ވާޓިކަލް ފާމިން އަކީ،" އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ކުރާ ދަނޑުވެރިކަން ކޮށްގެން ޒުވާނުން މި ދާއިރާއަށް ގެނެވިދާނެ ކަމަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެހެން ކަމުން ޒަމާނީ ދަނޑުވެރިކަން ތައާރަފު ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ޒުވާނުންގެ ޝައުގުވެރިކަން ނަގައި ޒުވާނުން މި ދާއިރާއަށް ނެރުންކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ހަފުތާ 14 ގެ ތެރޭގައި މި ކުރެވުނު މަސައްކަތްތަކަކީ ދަނޑުވެރިކަން ރާއްޖޭގެ އިޤުތިސާދީ ބިންގަލަކަށް ހެދުމަށް ޓަކައި އެޅުނު މުހިންމު ބިންގާތަކެއް ކަމަށެވެ.

އެ މިނިސްޓްރީގެ ހަފްތާ 14ގައި ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުގައި ކަނޑައަޅައި މިންވަރު މިހާރަށްވުރެ ބޮޑު ކުރުން ހިމެނެއެވެ.

އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ ފާހަގަވި ކަންތައްތަކުގެ އަލީގައި އެގްރިކަލްޗާ މިނިސްޓްރީގެ މި އަހަރުގެ ބަޖެޓަށް އިތުރު 45 މިލިއަން ރުފިޔާ އިތުރުކުރެވިފައިވެއެވެ. މިއި ކުރީ އަހަރާ ބަލާއިރު ދައުލަތުން ދަނޑުވެރިކަމަށް ދޭ ބަޖެޓާއި ބަލައި އެތަށް ގުނައެއް ބޮޑު ބަޖެޓެކެވެ.

comment ކޮމެންޓް