ހުޅުމާލޭ ދެކުނަށް ދުންޔާ ދެއްވަނީ އިޚުލާސްތެރިވާނެކަމުގެ ޔަގީންކަން

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ދުންޔާ މައުމޫން: ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކު ޚިދުމަތް ކުރައްވާނެ ކަމަށް ދުންޔާ ވިދާޅުވި -- ފޮޓޯ/ ދުންޔާ މައުމޫން

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވަނީ އިޚުލާސްތެރި މީހުން ކަމަށާއި، އެ އިޚުލާސްތެރިކަން އޭނާގެ ކުރީގެ ޚިދުމަތުން ފެނި، ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ މަޖިލިސް ބަހުސްގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ވިދާޅުވީ ހުޅުމާލެ ތަރައްގީކުރުމަކީ ރައީސް މައުމޫންގެ ޒައާމަތުގައި ކުރިއަށްގެންދެވި ތަރައްގީގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ.

ހުޅުމާލޭ ދެކުނު ދާއިރާއަކީ ފެހި، ހިތްހަމަޖައްސާލަން ސަރަހައްދުތައް ހުރި ދާއިރެއް ނަމަވެސް އެ ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ދުންޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ގޭގެޔަށް ޒިޔާރަތް ކުރައްވާއިރު، ވަރަށް ދަތި ހާލުގައި އުޅޭ މީހުންނާ ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދިޔަ ގޭގޭގައި އެބަތިބި ވަރަށް ތޮއްޖެހިފައި، ވަރަށް ހާލުގައި، ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅޭ ބައިވަރު ރައްޔިތުން. ސަރުކާރުން ލިބެން ޖެހޭ އެއްޗެއް ވެސް ނުލިބި، އާސަންދަ ނުލިބި، އެންސްޕާ ނުލިބި، އެތައް އެތައް މައްސަލަތަކެއް އެބަހުރި، އެހެންވީމަ މިކަމަށް އަޅުގަނޑު މަސައްކަތް ކުރާނަން، ވަކާލާތު ކުރާނަން،" ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، 2015 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ --

ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުންގެ އިހުސާސްތައް ވަރަށް ގާތުން ދެނެވަޑައިގަންނަވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް މަޖިލީސް މެދުވެރިކޮށް ކަންތައްތައް ނުނިންމެނީ މެންބަރުންގެ އިޚުލާސްތެރިކަން ނެތުމުން ކަމަށެވެ.

"ކުރީ ދައުރުގައި ވެސް މަޖިލީހުގައި ހުޅުމާލޭގެ މެންބަރެއް ހުންނެވި. އަޅުގަނޑާ ދިމާވި ވަރަށް ގިނަ ބޭފުޅުން ވިދާޅުވި އިލެކްޝަނަށް ފަހު އެ ބޭފުޅާގެ ޚަބަރެއް ނުވެޔޭ ނުއެއްފެނެއޭ އެއްވެސް ގޮތަކަށް،" ދުންޔާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ މަޖިލީހަށް އިންތިޚާބުވެއްޖެ ނަމަ، މިހާރެކޭ އެއްގޮތަށް ގޭގެއަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ޚިޔާލު ހޯދައި އިހުސާސްތައް ހުރި ގޮތް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ވެސް ގުޅިފައިވަނީ އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމާ ކަމަށް ވިދާޅުވެ، ދުންޔާ ފާހަގަކުރެއްވީ ގާނޫނުތަކާއި ޕްލޭންތައް ހަމައެކަނި ހެދި ނަމަވެސް ނުފުދޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ މިހާރު އެތައް ފަތުރުވެރިންނެއް އަންނަ މުއްސަނދި ގައުމަކަށްވާއިރު، އޭގެ ސަބަބުން ލިބޭ އާމްދަނީ ބޭނުންކުރުމުގައި އިސްރާފުކޮށް ރައްޔިތުންގެ ހައްގުތަކަށް އިސްކަމެއް ނުދީ ޚަރަދު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ދުންޔާގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން --

"މުއްސަނދިން ދަނީ މުއްސަނދި ވަމުން، ފަގީރުން ދަނީ ފަގީރުވަމުން، ފަރަގު ދަނީ ބޮޑުވަމުން. އެހެންވީމަ ބޯހިޔާވަހިކަން ހައްލުކުރެވޭނީ އިޚުލާސްތެރިން މަޖިލީހަށް އައިސް މި ވާހަކަތައް ދައްކައިގެން، މިކަމަށް މަސައްކަތް ކޮށްގެން،" ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑު އެހެންވީމަ ދަންނަވަނީ އަޅުގަނޑަކީ މިފަދަ މީހެކޭ ތިޔަ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތު ކުރާނަމޭ، ސަރުކާރު ޖަވާބުދާރީ ކުރުވާނަމޭ."

ދުންޔާ ވިދާޅުވީ އޭނާ ހުޅުމާލެ ދެކުނަށް ދެކެވަޑައިގަންނަވާ ތަސައްވުރަކީ އެއީ ހުރިހާ ރައްޔިތުން ވެސް އުފަލުގައި ދިރިއުޅޭ ތަނަކަށް ހެދުން ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް ލިބި، ތަނަވަސްކަން ލިބިފައިވާ ރައްޔިތުން ދިރިއުޅޭ ތަނަކަށް އެ ދާއިރާ ހެދުމަށް މަަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަރުގެ މަޖިލިސް އިންތިޚާބަކީ މިނިވަން ކެންޑިޑޭޓުން އެންމެ ގިނަ އިންތިޚާބުކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ އެކަމުން ދައްކުވައިދެނީ މަލްޓި ޕާޓީ ނިޒާމު މިހާރު ހިނގަމުންދާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހިފައިވާކަން ކަމަށެވެ. އަދި, ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންނާ ޚިލާފަށް، އިޚުލާސްތެރިކޮށް ޚިދުމަތްކޮށްދޭން ތިބީ މިނިވަން ކެންޑިޑޭޓުން ކަމަށާއި އޭނާގެ ރެކޯޑަށް ބަލާއިރު، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެ ސިފަ ދައްކުވައިދީފައިވާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ލާރިއަށް ގުޑާނެ މީހުން، އަޅުގަނޑަކީ އާރާއި ބާރަށް ގުޑާނެ މީހެއް ނޫން، އަޅުގަނޑަކީ ޕާޓީއެއްގެ މީހެއް ނޫން. އެހެންކަމުން އަޅުގަނޑު ނުޖެހޭ އެއްވެސް ލީޑަރުންނަކަށް ސަނާ ކިޔާކަށް، އަޅުގަނޑަކީ އެހެންވީމަ މި ދާއިރާއަށް ހުރި އެންމެ ރަނގަޅު ކެންޑިޑޭޓުކަން އަޅުގަނޑު ދަންނަވާލަން،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންއާ ބައްދަލުކުރެއްވުން: ދުންޔާ ވަނީ މީގެ ކުރިން އދ.ގައި ރާއްޖެ ތަމްސީލުކުރައްވައިފައި -- ފޮޓޯ/ ދުންޔާ މައުމޫން

ދުންޔާ ތައުލީމް ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީންނެވެ. އެގޮތުން ފުރަތަމަ ޑިގްރީ ސޯޝަލް އެންތުރޮޕޮލޮޖީން ހާސިލުކުރެއްވިއިރު ދެވަނަ ޑިގްރީ ހެއްދެވީ ފިލޯސޮފީ ދާއިރާއިން، ލަންޑަން ސްކޫލް އޮފް އެކޮނޮމިކްސްއިންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން 2013އިން 2016އަށް ކުރެއްވި ދުންޔާ ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް