މެޖޯރިޓީ ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ޑަބްލިއުޑީސީއަށް ބާރުވެރިކަން ދޭނަން: ރައީސް

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައިސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ، އެންމެ ފުރަތަމަ ކުރާނެ ކަމެއްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށް ފުރިހަމަ ބާރުވެރިކަން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގާނޫނު އޮންނަ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ ބާރެއް ނެތި ނަމެއްގެ ގޮތުގައި އޮންނަ ކޮމިޓީއެއް ކަމަށެވެ.

"ގާނޫނު ހަދާފަ އޮތް ގޮތުން އެހެން އެ އޮތީ. ގާނޫނުގައެއް ނެތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބާރެއް. މުވައްޒަފުން ގޮތުގައި ނޫނިއްޔާ މުސާރައެއް ލިބޭ ބައެއްގެ ގޮތުގައެއް ނޫން ތިބެނީއެއް،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރޯދަ މަހުގެ އިނާޔަތާއި، ވިހެއުމުގެ ޗުއްޓީ އާއި ބޭންކުން ލޯނު ނެގުމުގެ ކަންކަމުން އެމީހުން މަހުރޫމްވެފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިކަން ބަދަލު ކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މިކަންކަން ހައްލުވާނީ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަންކަން އިސްލާހު ކުރާނެ ކަމަށާއި، އެމީހުންނަށް ލިބޭ ފަސް ޕަސަންޓަކީ ހަމައެކަނި އަންހެނުން ތަރައްގީގެ މަސައްކަތް ކުރުމަށް ލިބޭ އެއްޗަކަށް ހަދާ، އެ މެމްބަރުންގެ މުސާރައަކީ މުޅި ކައުންސިލުގެ ބަޖެޓުން ދޭ އެއްޗެއްގެ ގޮތުގައި ބަދަލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ރޯދަ މަހުގެ އެލަވެންސާ ހުރިހާ ޗުއްޓީތަކާ މި ހުރިހާ އިނާޔަތްތަކެއް ލިބޭނެ ގޮތަށް ގާނޫނު ބަދަލުކޮށްދީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ފުރިހަމަ ބާރުވެރިކަން ދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ފިޔަވަޅު އަޅާ ކައުންސިލްތަކަށް ދަތި ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ނޫންކަމަށެވެ. އެފަދަ ކަމެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ކުރުމަކީ ތާއީދު ކުރާ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގާނޫނު އިސްލާހު ކުރުމުގެ ވާހަކަތައް ދައްކަވާފައެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ތައުލީމު ހާސިލް ކުރުމުން މުސާރައިގެ ކުރިއެރުން ދޭން މަސައްކަތްކުރާނެ ކަމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް