މަޖިލީހުގައި އަންހެން މެންބަރުންގެ އަދަދު ދަށަށް؛ މިފަހަރު 3

ހުރާ ދާއިރާގެ މިނިވަން ކެންޑިޑޭޓް އަނާރާ ނައީމާއި ޕީއެންސީން މާފަންނު މެދު ދާއިރާއަށް ވާދަކުރި އަސްމާ ރަޝީދާއި ނިލަންދޫ ދާއިރާގެ ކެންޑިޑޭޓް ފާތިމަތު ސައުދާ --

ރައްޔިތުން މަޖިލީހުގެ މިއަދުގެ އިންތިޚާބުގައި ވާދަކުރި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ހޮވުނީ އެންމެ ތިން އަންހެނުން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މި އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރިއިރު އޭގެ ތެރޭގައި ހިމެނުނީ 42 އަންހެން ކެންޑިޑޭޓުންނެވެ. ނަމަވެސް ގޮނޑި ކާމިޔާބު ކުރެވުނު ތިން ކެންޑިޑޭޓުންނަކީ ހުރާ ދާއިރާގެ މިނިވަން ކެންޑިޑޭޓް އަނާރާ ނައީމާއި ޕީއެންސީން މާފަންނު މެދު ދާއިރާއަށް ވާދަކުރި އަސްމާ ރަޝީދާއި ނިލަންދޫ ދާއިރާގެ ކެންޑިޑޭޓް ފާތިމަތު ސައުދާ އެވެ.

އަށާރަ ވަނަ މަޖިލީހުގައި މާފަންނު މެދު ދާއިރާ ތަމްސީލު ކުރައްވާފައިވާ އަސްމާއަށް މިހާތަނަށް ގުނާފައިވާ 27 ފޮށިން 725 ވޯޓު ލިބިފައިވާ ކަމަށް ދައްކާއިރު އޭނާއާ އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ އަހުމަދު އާމިރަށް ލިބިފައިވަނީ 401 ވޯޓެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކޮއްކޮ ސައުދާއަށް މިހާތަނަށް ގުނާފައިވާ ވޯޓުން 66 ޕަސެންޓް ލިބިފައިވާ ކަމަށް ދައްކާއިރު އޭނާއާ ވާދަކުރި މިނިވަން ކެންޑިޑޭޓް އަހުމަދު ރަޝީދަށް ލިބިފައި ވަނީ 33 ޕަސެންޓް ވޯޓެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުން އަނާރާއަށް 48.71 ޕަސެންޓް ވޯޓު ލިބިފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ވާރިސްއެވެ. އޭނާއަށް ލިބިފައިވަނީ 29،84 ޕަސެންޓެވެ.

މި އިންތިޚާބުގައި އެންމެ ގިނައިން އަންހެނުން ވާދަކުރީ އިދިކޮޅު ދަ ޑިމޮކްރެޓްސްއިންނެވެ. އެއީ 13 މެންބަރުންނެވެ. ނަމަވެސް އެ ޕާޓީއަށް ގޮނޑިއެއް ކާމިޔާބު ނުކުރެވެއެވެ.

މަޖިލީހުގެ މި ދައުރުގައި ތިބީ ހަތަރު އަންހެނުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އަދި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

އޭގެ ތެރެއިން މިފަހަރު ވާދަކުރެއްވި ޖީހާނާއި އީވާއަށް ވަނީ ގޮނޑި ގެއްލިފައެވެ.

މަޖިލީހަށް ވާދަކުރާ އަންހެނުންގެ އަދަދުތައް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޕީޕީއެމް، ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްގެން ހޮވޭ އަންހެން މެންބަރުންނަށް އެ ދެ ޕާޓީން ޚާއްޞަ އިނާޔަތެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެން މެންބަރުންނަށް ވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕީއެންސީން ކުރިމަތިލި އަންހެން ކެންޑިޑޭޓުންނަކީ މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދާއި ފ. ނިލަންދޫ ދާއިރާއަށް ކުރިމަތިލި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ސައުދާ ރަޝީދެވެ.

comment ކޮމެންޓް