ޑޮލަރުގެ އަގު ދަށްވެއްޖެ؛ މިއީ އެމްޑީޕީން ނުކުރި ކަމެއް: ނަޝީދު

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

ފައިސާ ޗާޕުކުރުން ހުއްޓާލައި، ފައިސާގެ ސްޓޮކް ދަށްކުރުމުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަން ފަށައިފި ކަމަށާއި އެމްޑީޕީ ސަރުކާރުގައި މިކަން ހަމަ ނުކުރީ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާކަން ފާހަގަ ކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އިންފްލޭޝަން ދަށްވެ، ތަކެތީގެ އަގު ދަށްވާނެކަން އެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މި ވާހަކަތައް ދެއްކުމުން ވެސް އިންފްލޭޝަނަށް ހައްލު ނުގެނައީ ކަމަށް ނަޝީދުގެ ޕޯސްޓުގައިވެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެއެވެ.

ނަޝީދު މިދިޔަ އަހަރުގެ ޖޫން މަހު އެމްޑީޕީން ވަކިވެވަޑައިގަތީ، ވެރިކަމުގައި ހުންނެވި އެ ޕާޓީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ޕާޓީ ބައިބައިވި ފަހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު އެ މަނިކުފާނު ވަނީ ސިޔާސީ މަސައްކަތްތަކާ ވެސް ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންފައެވެ.

ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 17 ރުފިޔާއާއި 17.40 ރުފިޔާއާ ދެމެދުގައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގްތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެއް ކަމެއް ކަމަށް މި ސަރުކާރުން ފާހަގަކުރަނީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ.

ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރީ ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ވަނީ ދީފައެވެ.

comment ކޮމެންޓް